01 Jul 2018, 23:10
އެސްޓީއޯ ރެޑީމިކްސް (ޕަވާމިކްސް) ސައިޓެއްހުޅުމާލޭހައި ގާއިމްކޮށް އެ ޕްލާންޓުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލޭ ޕަވާމިކްސް ސައިޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަަވަައިދެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ ހުޅުމާލެއަކީ މިހާރު ކޮންސްޓްރަކްޝަންގެ މަސައްކަތްތައް އެއްފަހަރާ ގިނަ އަދަދަކަށް ހިނގަމުން އަންނަ ތަނެއް ކަމަށާއި ޕަވާމިކްސް އަށް ހުޅުމާލޭގައި ޑިމާންޑު ބޮޑު ކަމަށެވެ.
ހުޅުމާލޭގައި ގާއިމްކުރި ޕަވާމިކްސް ޕްލާންޓަކީ މާލޭގައި ހުރި ޕްލާންޓާ އަޅާ ބަލާއިރު ކެޕސިޓީ އިތުރު ޕްލާންޓެއް ކަމަށް ޝަހީރު ވިދާޅުވިއެވެ. ޝަހީރު ވިދާޅުވީ މިހާރުވެސް ހުޅުމާލޭ ޕްލާންޓަށް "ކޭޓާ ނުކުރެވޭވަރަށް އޯޑާލިބިފައިވާ" ކަމަށެވެ.
ދެހާސް ފަނަރަވަނަ އަހަރު އެސްޓީއޯ އިން ޕަވާމިކްސް ކޮންކްރީޓު އުފައްދައި ވިއްކަން ފެށީ މާލޭގައ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވާ ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށެވެ.
ހުޅުމާލޭގައި ހުޅުވި އެސްޓީއޯ ރެޑީމިކްސް (ޕަވާމިކްސް) ސައިޓު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ޝަހީރު ވިދާޅުވީ ކޮންސްޓްރަކްޝަންގެ ދާއިރާ އާއި އުމްރާނީ ތަރައްގީގައި އެސްޓީއޯގެ ހިއްސާ ބޮޑު ކަމަށެވެ.
"މީގެ 20 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު މިހާރު މިފެންނަ އުސް އިމާރަތްތައް އަޅަން ފެށީ އެ ދުވަސްވަރު. އޭރު އެކަމަށް ބޭނުން މެޓީރިއަލްސް ހޯދަން ދަތި. އޭރު އެސްޓީއޯގެ ޗެއާމަން އަކަށް ހުންނެވީ މިހާރުގެ ރައީސް. (އެރުގެ) ޗެއާމަން ނިންމެވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށް އެސްޓީއޯގެ ތެރެއިން މަސައްކަތްތައް ފަށަން،" މި މަސައްކަތުގެ ދަށުން ލަފާޖު ސިމެންތި އާއި ބްލޯ ސްކޯޕް ސްޓީލް އާ ގުޅިގެން މަގު ފުޅާ ޓިނު ރާއްޖެ ގެނެސް ވިއްކަން ފެށުނު ކަމަށް ޝަހީރު ވިދާޅުވިއެވެ.
އޭރު އެޅި ފިޔަވަޅު ތަކާޢެކު އެސްޓީއޯ އިން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ލޭންޑް ސްކޭޕު ބަދަލުކޮށްލި ކަމަށް ޝަހީރު ވިދާޅުވިއެވެ. ޝަހީރު ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޭނުންވާނެ އިތުރު ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.