ފީފާ ވޯލްޑް ކަޕުން ވަރުގަދަ ސްޕެއިން ކަޓުވާލައި، އަމިއްލަ ގައުމުގައި ކުޅެމުންދާ ރަޝިއާއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސްޓޭޑިއޮން ލުޒްނިކީގައި ކުޅުނު ގަދަ 16ގެ މެޗުގައި ސްޕެއިން އަތުން ރަޝިއާ މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައި 4-3ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނު އިރު ވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ސްޕެއިންއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޑިފެންސިވް ކުޅުމެއް ދައްކަމުންދިޔަ ރަޝިއާ ކޮޅަށް މެޗުގެ ކުރީކޮޅުގައި ސްޕެއިނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި އިސްކޯ ނަގައިދިން ހިލޭ ޖެހުން ރަޝިއާގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސާޖީ އިގްނަޝެވިޗް ފައިގައި ޖެހިފައި ބައިކޮޅަށެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅެމުންދިޔަ ނަމަވެސް، ކައުންޓާ އެޓޭކު ފުރުސަތުތަކުގައި ރަޝިއާއިން ވަނީ ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ރަޝިއާއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް ޕީކޭ، ބޯޅައިގައި އަތްލުމުން ރަޝިއާއަށް ލިބުނު ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ އާޓެމް ޒޫބާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިނުން ކުޅުނީ އާންމުކޮށް އެޓީމުން ކުޅޭ ޕާސިން ގޭމެވެ. ސްޕެއިނުން ވަނީ ދެވަނަ ހާފުގައި ފުރަތަމަ ހާފަށް ވުރެ ގިނަ ފުރުސަތު ތަނަވަސްކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ސްޕެއިންގެ ޑިއޭގޯ ކޮސްޓާއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ކޮސްޓާ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލާ އަމާޒުވެފައިނުވާ އިރު، އޭނާ ފޮނުވާލި ދެވަނަ ހަމަލާ ރަޝިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ސްޕެއިންއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އިނިއެސްޓާ ފޮނުވާލި ހަމަލާ ރަޝިއާގެ ކީޕަރު އިގޯ އަކިންފީވް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން އިއާގޯ އަސްޕާސް ފޮނުވާލި ހަމަލާ ވެސް ކީޕަރު އަކިންފީވް ވަނީ ދިފާއުކޮށްފައެވެ.

ފުރިހަމަ ވަގުތު ނިމުނު އިރު، 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ލީޑު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ރަޝިއާގެ ޑިފެންސިވް ގޭމްގެ ސަބަބުން ސްޕެއިނަށް ހުރަސް އެޅިގެންދިޔައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސްޕެއިނުން ލީޑު ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ރަޝިއާއިން މަސައްކަތްކުރީ އެއްވަރުކޮށްލައިގެން ޕެނަލްޓީ ޝޫޓްއައުޓަށް ދިއުމަށެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސްޕެއިނަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރޮޑްރިގޯއަށް ލިބުނު ދެ ފުރުސަތެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ރަޝިއާގެ ކީޕަރު އަކިންފީވް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ސްޕެއިންއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު ފުރަތަމަ މެޗެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިންގެ އިނިއެސްޓާއާއި ޖެރާޑް ޕީކޭއާއި ސާޖިއޯ ރާމޯސް ޕެނަލްޓީތައް ކާމިޔާބުކޮށްދިން އިރު، ކޮކޭއާއި އަސްޕާސް ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ. ރަޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޔޮޑޯރް ސްމޮލޯފްއާއި އިގްނަޝެވިޗްއާއި އެލެކްސެންޑާ ގޮލޮވިން އަދި ޑެނިސް ޗެރިޝޭފްއެވެ.

ކުއާޓާގައި ރަޝިއާ ނުކުންނަން ޖެހޭނީ މިރޭ 11:00ގައި ކްރޮއޭޝިއާއާއި ޑެންމާކް ކުޅޭ ގަދަ 16ގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.