ސެޕްޓެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބްގައި ވޯޓްލާ މީހުންގެ ލިސްޓަށް ހުށެހެޅި ޝަކުވާތައް އިސްލާހު ކުރުމަށްފަހު އަލުންވޯޓާސް ލިސްޓްއާންމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށެހެޅުމަށް ހުޅުވާލުމުން ވަނީ 1778 ޝަކުވާއެއް ހުށަހަޅާފައެވެ. އޭގެ ތެރެއިން މިއަދު އިލެކްޝަން ކޮމިޝަނުން ގެޒެޓް ކުރި ވޯޓާސް ލިސްޓަށް ވަނީ 1254 އިސްލާހެއް ގެނެސްފައެވެ. އޭގެތެރޭގައި 18 އަހަރުގެ ކުދިން ލިސްޓުގައި ހިމެނިގެން ހުށަހެޅުނު 734 ޝަކުވާ ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ޕާޓީތަކުން ހައިކޯޓަށް ދިޔުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއަދު ނެރުނުލިސްޓުގައިމައްސަލައެއް އުޅޭނަމަ މި މަހުގެ ބާރަވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި އެއަށްފަހު ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން ވަނީ ހިމަނައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރާއިރު ރާއްޖޭގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެވެސް ފުރިހަމަ ލިސްޓަކަށް ވާނެ ކަމަށެވެ.