01 Jul 2018, 18:15
ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާތައް ހުއްޓުވުމަށާއި އަދި އަނިޔާއާ ދެކޮޅަށްް ކުދިން ބާރުވެރިކުރުމުގެ ގޮތުން ''އަހަން ކެމްޕޭން'' ގެ ދަށުން 122 ކުދިންނަށް ވ. އަތޮޅުގައި ހޭލުންތެރިކަމުގެ ސެޝަންތަކެއް ޖެންޑާ މިނިސްޓްރީން ހިންގައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ''އަހަން'' ކެމްޕޭންގެ ސެޝަންތައް ހިންގާފައިވަނީ ވ. އަތޮޅުގެ ފެލިދޫގައި ހުންނަ ވ. އަތޮޅު ތައުލީމީ މަރުކަޒުގަޔާއި، ކެޔޮދޫ ސްކޫލާއި އަދި ފުލިދޫގައި ހުންނަ ވ. އަތޮޅު މަދަރުސާގެ ގްރޭޑް ހަތަރަކާ އަށަކާ ދެމެދުގެ ގްރޭޑްތަކަށް ކަމަށެވެ.
އެ ސެޝަންތަކުގައި އެކި ބާވަތްތަކުގެ އަނިޔާއާއި އިހުލާމުން ކުޑަކުދިން ރައްކާތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖާއަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ އަމަލުކުރާނެ ގޮތާއި މައްސަލަ ރިޕޯޓްކުރާނެ ގޮތުގެ އިތުރުން އަނިޔާ ތަހައްމަލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މައުލޫމާތުތައް ދިން ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން އެ ސެޝަންތައް ގެންގޮސްފައިވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓް ފޯ ޗިލްރަންސް ރައިޓްސް (އާކް) އާއި ގުޅިގެންނެެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް ކޮންމެ މަހަކު ރިޕޯޓްކޮށް އެޓެންޑްކުރާ މައްސަލަތަކުގެ ތެރެއިން 50 ޕަސެންޓް މައްސަލަތަކަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާއާ ގުޅޭ މައްސަލަތަކެއް ކަމަށެވެ. އަދި "އަހަން" ޕްރޮގްރާމްގެ އަމާޒަކީ އެފަދަ މައްސަލަތައްް ހައްލުކުރުން ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން "އަހަން" ޕްރޮގްރާމް ފެށީ 2015 އަހަރުއެވެ. އެ ކެމްޕޭންގެ ދަށުން މ. އަތޮޅާއި ގދ. އަތޮޅުގެ ހުރިހާ ރަށަކާއި އަދި ހދ. ކުޅުދުއްފުށީގައި ވަނީ ހޭލުންތެރިކަމުގެ ސެޝަންތައް ހިންގައިފައެވެ.