މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމަށް ޓެކްސް ނެގޭ ޙަރަކާތް ހިންގާ ފަރާތްތައް ރަޖިސްޓަރީކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން ފަށައިފި އެވެ. ރަޖިސްޓަރީ ވުން މިމަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މީރާއިން ބުންޏެވެ. އަދި ބުނީ އެކަމުގެ ހޭލުންތެރި ކަމުގެ ޕްރޮގްރާމް ވެސް ފަށާފައިވާ ކަމަށެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު ތަސްދީގު ކުރީ ސެޕްޓެމްބަރު 2، 2011 ގަ އެވެ. އަމަލު ކުރަން ފާނީ އަންނަ މަހުގެ ދޭކުން ފެށިގެނެވެ.

ޤާނޫނުގެ 51 ވަނަ މާއްދާގައިވާ ގޮތަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި ރާއްޖޭގައި ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ތެރެއިން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ވިއްކި މުދަލާއި ފޯރުކޮށްދިން ޚިދުމަތްތަކުގެ ޖުމްލަ އަގު –1,000,000ރ. އަށް ވުރެ އިތުރުވާ ފަރާތްތަކާއި އަދި ކުރިއަށްއޮތް އަހަރުގެ ތެރޭގައި ވިއްކާނެ މުދަލާއި، ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ އަގު 1,000,000ރ. އަށް ވުރެ އިތުރުވާނެކަމަށް ލަފާ ކުރާ ފަރާތްތައް ޖީއެސްޓީ އަށް ރަޖިސްޓަރީކުރަންޖެހެ އެވެ.

މީރާއިން ބުނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު ގެދަށުން މިހާރު ރަޖިސްޓަރީކޮށްފައިވާތީ، އަލުން ރަޖިސްޓަރީކުރަން ނުޖެހޭނެކަމަށެވެ. ނަމަވެސް އެފަރާތްތަކުން ދޭ އެހެން ދާއިރާތަކުގެ މުދަލާއި ޚިދުމަތާއި ގުޅިގެން އެފަރާތްތައް ވެސް ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ.