01 Jul 2018, 14:02
ނިއު ދިއްލީ (ޖުލައި1): ނިއު ދިއްލީގެ އުތުރުގެ ބުރާރީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި އެއް އާއިލާ އަކަށް ނިސްބަތްވާ 11 މެންބަރަކު މިއަދު މަރުވެފައި ވަނިކޮށް ފެނިއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ ބޭރު ނޫސްތަކުގައި ބުނެފައި ވަނީ މަރުވި މީހުން ފެނިފައި ވަނީ އެ އާއިލާ އިން ހިންގަމުން ގެންދާ ތަރުކާރީ ފިހާރަ ނުހުޅުވާތާ ގިނައިރުވެގެން އެ ހިސާބުގެ އަވަށްޓެރިއަކު ގޮސް އެގޭ ބެލުމުން ކަމަށެވެ.
"އާންމުކޮށް އެ ފިހާރަ ހުޅުވާނެ ހައެއް ޖަހާއިރު. މިއަދު 7:30 ވީ އިރު ވެސް ފިހާރަ އެއް ނުހުޅުވާ. އެހެންވެ ކީއްތޯ ބަލަން ވެގެން އެހިސާބުގެ މީހަކު ދިޔަ އިރު ފެނުނީ އެންމެން މަރުވެފައި އޮތްތަން،"
ފުލުހުން ބުނީ މަރުވި 11 މީހުންގެ ތެރެއިން 10 މީހުން ވަނީ އަތް ފުރަގަހަށް ބަނދެ، ކަނުބަނުމަށް ފަހު ސީލިންގައި އަޅުވާފައިވާ ކަމަށެވެ. އެ އާއިލާގެ 11 މީހުންތައް ތެރެއިން ހަތް މީހުންނަކީ އަންހެނުންނެވެ. އުމުރުން 75 އަހަރުގެ މީހަކާއި އިތުރު ދެ ކުޑަކުދިން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ.
ފުލުހުން ބުނީ އެ މީހުން މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވެސް މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ސީސީޓީވީ ކެމެރާގެ ފުޓޭޖްތައް ވެސް ބަލާ ޗެކް ކުރަމުންދާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އެންޑީޓިވީގައި ބުނެފައިވެ އެވެ.