12 Sep 2011, 10:05
ހިރިޔާ ސްކޫލްގެ ދަރިވަރުން ކ. ހުރާ ޔޫތު ކޭމްޕަށް ދަތުރު ގޮސް އުޅެނިކޮށް ހިނގި ހިތާމަވެރި ހާދިސާގައި ހަތަރު ދަރިވަރަކު މަރުވެ، ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވުމުން އެކަމުގައި ޒިންމާވާންޖެހޭ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިވޭތޯ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޑީއާރްޕީން ހުށަހަޅައިފި އެވެ.
މަޖިލީހުގެ ސަރުކާރު ޒިންމާދާރު ކުރުވާ ކޮމެޓީގެ މުގައްރިރު މުހައްމަދު މުޖުތާޒަށް ޑީއާރްޕީން އެ މައްސަލަ ހުށަހެޅީ މިއަދު އެވެ.
ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނިމާލު ސޮއިކުރައްވާފައި ކޮމެޓީގެ މުގައްރިރަށް ފޮނުވި ސިޓީގައި ބުނަނީ ހިރިޔާ ދަތުރުގެ ހިތާމަވެރި ހާދިސާއަށް ބަލާއިރު ސިއްހީ އަވަސް ހިދުމަތާއި އިމަޖެންސީ ހާލަތުގައި ފުލުހުންގެ އެހީތެރިކަމާއި ކިޔަވާ ކުދިންގެ ރައްކާތެރި ކަމާއި އާންމު ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް އެކަށީގެންވާ ގޮތުގައި އަމަލު ކުރެވިފައި ނުވާކަން ފާހަގަ ކުރާ ކަމަށެވެ. އަދި ހާދިސާގައި ފުލުހުންގެ ހިދުމަތް ލިބުނުލެއް ލަސްވުމުގެ ޝަކުވާ އުފުލެމުންދާއިރު ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގައި އެންމެ ފުރަތަމަ އެހީތެރި ކަމަށް ގޮވާލަންޖެހޭ ފަރާތްތަކުން ތައްޔާރަށް ތިބެނީ ކިހާވަރަކަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"... ކަން މިހެން ހުރުމުން 9 ސެޕްޓެމްބަރު 2011ވީ ހުކުރު ދުވަހު ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި މިކަމުގައި ޒިންމާ އުފުލަންޖެހޭ ސަރުކާރުގެ މުއްސަސާތަކުން އެފަރާތްތަކާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކޮށްފައިވޭތޯ ބައްލަވައިދެއްވުން އެދެމެވެ،" ޑީއާރްޕީގެ ސިޓީގައި ވެއެވެ.
ހިރިޔާ ދަތުރުގެ ހާދިސާއާ ގުޅިގެން އަވަސް ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުއްލި ހާދިސާތަކުގައި ސިއްހީ އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން ސިއްހީ ދާއިރާއަށް ލިބިފައިވާ މިންވަރާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ހަމަ އެ ސިޓީގައި ދަރިވަރުންގެ ރައްކާތެރި ކަމަށާއި ދުޅަހެޔޮ ކަމަށް ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ހޭލުންތެރި ކުރުވައި އަހުލުވެރި ކުރުވަން އެޑިއުކޭޝަން ދާއިރާއިން އެކަށީންގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ލިޔެފައި ވެއެވެ.