01 Jul 2018, 12:44
އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމަށް ނިންމާފައިވާ އިރު، އެ ގައުމުގެ ރައްޔިތުން އީޔޫގެ ގައުމުތަކުގެ ރައްޔިތުކަން ހޯދާ މިންވަރު ވަރަށް ބޮޑަށްް އިތުރުވެއްޖެ އެވެ.
ބީބީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ 12994 ރައްޔިތުން މިދިޔަ އަހަރު އީޔޫގެ ގައުމުތަކުގެ ރައްޔިތުކަމަށް ވަނީ އެދިފަ އެވެ. ނަމަވެސް އެ އަދަދު 2016 ވަނަ އަހަރު ހުރީ 5025 ގަ އެވެ.
އިނގިރޭސިވިލާތުގެ ރައްޔިތުންގެ އެންމެ ގިނައިން އެދިފައި ވަނީ ޖަރުމަނުގެ ރައްޔިތު ކަމަށް ވުމަށް ކަމަށް ވެސް ބީބީސީ އިން ބުންޏެވެ. އެގޮތުން 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ 2702 ރައްޔިތަކު ޖަރުމަނުގެ ރައްޔިތުކަން ހޯދި އިރު މިދިޔަ އަހަރު 7493 މީހަކު ރައްޔިތުކަން ހޯދި އެވެ.
ޖަރުމަނަށް ފަހު ދެން އެންމެ ގިނައިން ހޯދައިފައި ވަނީ ފްރާންސްގެ ރައްޔިތު ކަމެވެ. އެގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުގެ 1518 ރައްޔިތަކު ފްރާންސްގެ ރައްޔިތުކަން ހޯދި އިރު 2016 ވަނަ އަހަރު ފްރާންސްގެ ރައްޔިތުކަން ހޯދައިފައި ވަނީ އެންމެ 320 ރައްޔިތުންނެެވެ.
އަންނަ އަހަރު މާޗު މަހު އީޔޫ އިން ވަކިވުމަށް އިނގިރޭސިވިލާތުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން އީޔޫގެ ގައުމުތަކުގެ ރައްޔިތުކަން އޮންނަ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ އިއްތިހާދުގެ ގައުމުތަކުގަައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އީޔޫގެ ގައުމުތަކުގައި އެއްވެސް ހުރަހެއް ނެތި ދަތުރުކުރުމާއި އީޔޫގެ ޕާލަމަންޓްގެ އިންތިހާބްގައި ވޯޓުލުމުގެ ހައްގުވެސް ލިބިގެންދާނެެ އެވެ.
(ޕްރެސްޓީވީ)