ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.

ރައީސް މައުމޫނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރީ ދައުލަތުން ދައުވާ ކުރި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް މައުމޫނުގެ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް އިސްތިއުނާފު ހުށަހެޅީ ކިތައް ނުކުތާގެ މައްޗަށް ބިނާކޮށް ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ރައީސް މައުމޫނުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ހެކިންގެ ހެކިބަހާއި ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާތީ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަމަ އެ މައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ވެސް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.