12 Sep 2011, 09:22
ލަންޑަން (ސެޕްޓެމްބަރ 12) : ޢިރާޤުގެ އަސީރުންނަށާއި އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ތުހުމަތުކުރެވޭ އިނގިރޭސި ސިފައިންގެ މައްޗަށް ޝަރީޢަތް ހިންގުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން އިނގިރޭސި ސަރުކާރަށް ގޮވާލައިފިއެވެ.
އެމްނެސްޓީގެ އިސްވެރިއެއް ކަމަށްވާ ނިކޯލާ ޑަކްވޯޓް އިއްޔެ ވިދާޅުވީ އިނގިރޭސި ސިފައިންގެ ހައްޔަރުގައި ވަނިކޮށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޢިރާޤުގެ ޒުވާނެއް ކަމަށްވާ ބަހާ މޫސާގެ މަރުގެ ޙަޤީޤަތް އޭގެ އަށްއަހަރުފަހުން ހާމަކުރަންޖެހުމަކީ އިނގިރޭސި މުޖްތަމަޢު ލަދުވެތިވާންޖެހޭ ކަމެކެވެ. ބަހާ މޫސާގެ އިތުރުން ޢިރާޤުގެ އާންމުންގެ އިތުރު 9 މީހަކު އިނގިރޭސި ސިފައިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެފައިވާ މައްސަލަވެސް ބަލައި އެކަމުގެ ތުމަތުކުރެވޭ އިނގިރޭސި ސިފައިންގެ މައްޗަށް ޝަރީޢަތް ހިންގުމަށް ނިކޯލާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ.
އުމުރުން 26 އަހަރުގެ ޢިރާޤުގެ ބަހ މޫސާ މަރާލާފައިވަނީ ބަސަރާގައިތިބި އިނގިރޭސި ޢަސްކަރީ މުޙައްޤިޤުން އަނިޔާކޮށްގެންކަން 2003 ވަނަ އަހަރު ބޭޒާރުވެފައިވީ ނަމަވެސް މިއަނިޔާގައި ޝާމިލްވާ އިނގިރޭސި ސިފައިންނާއި މުޙައްޤިޤުންގެ މައްޗަށް ޝަރީޢަތް ހިންގުމުގެ އަޚްލާޤީ ހިއްވަރު އިނގިރޭސި ސަރުކާރުގައި ނެތްކަމަށް އެމްނެސްޓީގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
އަނިޔާކުރުމުގެ ސަބަބުން ބަހާ މޫސާގެ ގައިގާ 93 ފާރުގަނޑު ހުރިކަމާއި ތެޅުމުގެ ސަބަބުން އޭނާގެ ނޭފަތާއި އަތާއި ފަޔާ އަދި މޭމަތީގެ ކަށިތައް ފުނޑުފުނޑުވުމުގެ އިތުރުން ބަހާ މަރާލާފައިވަނީ ކަރުގައިހިފައި ހާސްކޮށްލައިގެން ކަމަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދި ޑޮކްޓަރުން ހާމަކޮށްފައިވެއެވެ.
އަނެއްކޮޅުން ލަންޑަންގައި ނުކުންނަ "ޓައިމްސް" ނޫސް ބުނިގޮތުގައި އިނގިރޭސި ސިފައިން ޢިރާޤުގައި ތިބި ދުވަސްވަރު ޢިރާޤުގެ 20 އަސީރަކަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައްކޮށް މަރާލި މައްސަލަ ބަލައި ތަހްޤީޤް ކުރުމަށް އިނގިރޭސި ދިފާޢީ ވަޒީރު ބޮބް އެއިންސޯޓް މިހާރުވަނީ ނިންމާފައެވެ.
މި20 މީހުން މަރާލި ކަމަށްވަނީ ޢިރާޤުގެ ދެކުނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ބަސަރާގެ ކައިރީގައިވާ މީސާން ގައި އިނގިރޭސި ސިފައިން މި20 މީހުން ހައްޔަރުކުރުމަށްފަހު އިނގިރޭސި ކޭންޕެއްގައި ކަމަށްވެސް "ޓައިމްސް" ނޫސް ބުނެއެވެ.
މި 20 މީހުންގެ ހަށިތަކަށް އިނގިރޭސި ސިފައިން ވަޅިޖަހެމުގެ އިތުރުން އޭގެތެރެއިން ބައެއްމީހުންގެ ލޯތައްވެސް ކޮނެލާފައިވާ ކަމަށް އެމީހުންގެ ޢާއިލާ ތަކާ ޙަވާލާދީ "ޓައިމްސް" ބުނެއެވެ. ނަމަވެސް އިނގިރޭސި ސިފައިންނާ ބެހޭ ވަޒީރު ބިލް ރަމޭލްވަނީ މި 20 މީހުންނަށް އިނގިރޭސި ސިފައިން އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ.
އިނގިރޭސި ސިފައިންގެ އަނިޔާވެރި ޢަމަލުތަކުގައި މަރާލާފައިވާ ޢިރާޤުގެ 40 މީހެއްގެ ޢާއިލާތައް ތަމްޘީލްކުރާ ޤާނޫނީ ވަކީލުންވަނީ އިނގިރޭސި ސިފައިންގެ ލަޝްކަރުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައިވެސް ދަޢްވާ އުފުލާނެ ކަމުގެ އިންޒާރު އިނގިރޭސި ސަރުކާރަށް ދީފައެވެ. -- ޓައިމްސް، ނޫސްއެޖެންސީތައް