31 May 2010, 05:14
10:00
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ގެނައުމުގައި 1960 ގެ އަހަރުތަކުގެ ތެރޭގައި ހިނގިފަދަ ރައްޔިތުންގެ ސީދާ ހަރަކާތްތެރި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އިނގިރޭސިވިލާތުގެ މަޝްހޫރު ތަޤާފީ ހަރަކާތެއް ކަމުގައިވާ "ހޭ ފެސްޓިވަލް"ގައި ބައިވެރިވެވަޑައިގަންނަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮންޖެހުންތަކާ ބެހޭގޮތުން ބޭއްވި މި ހަރަކާތުގައި އިނގިރޭސި ވިލާތުގެ ކުރީގެ މޫސުމާބެހޭ ވަޒީރު އެޑް މިލިބަންޑާއެކު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވަނީ ސެޓެލައިޓް މެދުވެރިކޮށް ވީޑިއޯގެ ޒަރީޢާއިން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެއްގަޑިއިރަށް ދެމިގެންދިޔަ އެ މަޝްވަރާތަކުގައި ރާއްޖެއަށް މިހާރު އައިސްފައިވާ ޑިމޮކްރެޓިކް އިސްލާހުތަކާ ބެހޭގޮތުންނާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ނިންމި ނިންމުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ.
ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ތެލުގެ މައްޗަށް ކަމަށާއި، އަދި އެތެލަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކަމަށްވުމުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށްކުރާ ކޮންމެ އަސަރެއްވެސް ރާއްޖެއަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ ކަމުގައި ވިދާޅުވި އެވެ. އަދި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ނިންމީ، އޭގައިހުރި ތިމާވެށީގެ ފައިދާތަކުގެ އިތުރުން، އިޤްތިސާދީ ފައިދާތަކުގެވެސް ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ހޭ ފެސްޓިވަލްއަކީ އިނގިރޭސިވިލާތުގެ ވޭލްސްގައި އަހަރަކު އެއް ފަހަރު ބާއްވަމުންގެންދާ ތަޤާފީ އަދި އަދަބީ ފެސްޓިވަލެކެވެ. މިފެސްޓިވަލް މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާއްވަމުން ގެންދެ އެވެ. މިއަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގައިވެސް ހޭ ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ފެސްޓިވަލް އޮންނާނީ އާރަށުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.