ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޝޫޓިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބަތަލާ ނިއުމާ ބުނެފިއެވެ.

ސަން އާ ވާހަކަ ދައްކަމުން ބަތަލާ ބުނީ ފިލްމުގެ ވަރަށް ބޮޑުބައި ޝޫޓްކޮށް ނިންމާފައިވާ ކަމަށާއި ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގައި ކަމަށެވެ.

އަންނަ އަހަރު ފިލްމު ގެނެސްދޭނެ ކަމަށް ނިއުމާ ބުނި ނަމަވެސް ފިލްމު ރިލީޒްކުރާ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމު ކުރިން ސްކްރީނަށް ގެންނަން ހަމަޖެއްސީ އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ނިއުމާ ބުނީ އެ ފިލްމު އަންނަ އަހަރު ގެނެސްދިނުމަށް ހަމަޖެހުނު ނަމަވެސް ފިލްމުގެ ޓީޒާ ޓްރެއިލާ އޮކްޓޯބަރު 20ގައި ގެނެސްދޭނެ ކަމަށެވެ.

ނިވައިރޯޅިގެ އިންޑޯ ޝޫޓިން ނިންމާލުމަށްފަހު އަންނަ ހަފްތާގެ އާދިއްތަ ނުވަތަ ހޯމަ ދުވަހު މާލެ ފުރާނެ ކަމަށް ވެސް ކުޅަދާނަ ބަތަލާ ބުންޏެވެ.

މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ މަހުގެ 19 ގައެވެ.

ވަރުގަދަ ކާސްޓަކާ އެކީ ފިލްމުގެ ޝޫޓިން ފެށިއިރު ނިއުމާ ބުނީ "ނިވައިރޯޅި"ގެ ޝޫޓިން ކުރިއަށްދާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އެއްވެސް ކަހަލަ ދަތިކަމެއް ނެތް. ހަމަ ޕްލޭން ކުރިގޮތަށް. ފިލްމުގެ ޝޫޓިން ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ފިލްމުގެ ކާސްޓުންނާ މެދުވެސް ވަރަށް ހިތްހަމަޖެހޭ،" ނިއުމާ ސަން އަށް ބުންޏެވެ.

އެ ފިލްމުގެ ހުރިހާ އިންޑޯ މަންޒަރެއް ނަގާނީ އިނގުރައިދޫގައެވެ.

އެ ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.

"ކޮކްޓެއިލް" އެއްގެ ގޮތުގައި ސިފަކުރާ އެ ފިލްމުގައި އެއްވެސް ލޯބީގެ ލަވައެއް ނީންނާނެ ކަމަށް ނިއުމާ ބުންޏެވެ.

"ހަމަގައިމުވެސް ފިލްމު ބަލާފައި މީހުން ނުބުނާނެ ފިލްމު ހަޑިއެކޭ،" ކުޅަދާނަ ބަޠަލާ ބުންޏެވެ.