ފީފާ ވޯލްޑް ކަޕުން އާޖެންޓީނާ ކަޓައިގެން ދިއުމާއެކު އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ހާވިއާ މަޝެރާނޯ، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ވޯލްޑް ކަޕްގެ ގަދަ 16ގައި ރޭ ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ އާޖެންޓީނާ ބަލިވީ 3-4ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވުމުން އާޖެންޓީނާއަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ލިބޭގޮތް ނުވެފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރި މަޝެރާނޯއަކީ ގިނަ ދުވަސްތަކެއް ވަންދެން އެޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. މަޝެރާނޯ ވަނީ ގައުމީ ޓީމަށް 147 މެޗު ކުޅެފައެވެ. އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

"މިއީ އަލްވަދާއު ކިޔަންވީ ވަގުތު. މިއަދުން ފެށިގެން އަހަރެންނަކީ ޓީމުގެ ސަޕޯޓަރެއް. އަހަރެންނަށް މިކަން މި ނިމުނީ. އަހަރެން އުންމީދުކުރަނީ މި ޓީމަށް ކުރިމަގުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނެ ކަމަށް. އަހަރެމެންނަށް ހާސިލް ނުވި ކަމެއް ކުރިމަގުގައި ވާނެ ކަމަށް. އަހަރެމެން ޖެހޭނީ އެމީހުންނަށް ހިތްވަރުދޭން. އޭރުން ކާމިޔާބީއަކާ ހަމައަށް ދިއުމަށް މަސައްކަތްކުރާނެ،" ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީވައިސީއަށް ދިން އިންޓަވިއެއްގައި މަޝެރާނޯ ބުންޏެވެ.

މަޝެރާނޯއާއެކު އާޖެންޓީނާގެ ކެޕްޓަން މެސީ ވެސް ވަނީ ގިނަ ފަހަރެއްގެ މަތިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕް 2014ގެ ނާކާމިޔާބީއާއި ކޮޕާ އެމެރިކާގެ ނާކާމިޔާބީތައް ހިމެނެއެވެ.

މަޝެރާނޯއަށް އާޖެންޓީނާ ގައުމީ ޓީމާއެކު ހޯދުނު ކާމިޔާބީއަކީ 2004 އަދި 2008 އޮލިމްޕިކްސްގެ ރަން މެޑަލްއެވެ. ވޯލްޑް ކަޕް 2014 އަދި ހަތަރު ކޮޕާ އެމެރިކާގައި މަޝެރާނޯއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

މަޝެރާނޯގެ ފުޓްބޯޅަ ކެރިޔަރުގައި ބާސެލޯނާއާއެކު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މަޝެރާނޯ ވަނީ ބާސާއާއެކު ފަސް ސްޕެނިޝް ލަލީގާއާއި، ފަސް ކޮޕާ ޑެލްރޭގެ އިތުރުން ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް ކުޅުމަށްފަހު 2010 ވަނަ އަހަރު ބާސާއާ ގުޅުނު މަޝެރާނޯ، މިއަހަރުން ފެށިގެން ކުޅެމުންދަނީ ޗައިނާގެ ހެބޭ ޗައިނާ ފޯޗުން އެފްސީއަށެވެ.

މެޝެރާނޯގެ އިތުރުން އާޖެންޓީނާ ގައުމީ ޓީމަށް ކުޅެމުންދާ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ވެސް މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި މެސީ ވެސް ހިމެނެއެވެ.