01 Jul 2018, 00:55
ފީފާ ވޯލްޑް ކަޕުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ކަޓުވާލައި، އުރުގުއާއީ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ރަޝިއާގެ އޮލިމްޕީސްކީ ސްޓޭޑިއޯން ފިޝްޓްގައި މިރޭ ކުޅުނު ގަދަ 16ގެ މެޗުގައި ޕޯޗުގަލް އަތުން އުރުގުއާއީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އުރުގުއާއީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އުރުގުއާއީ މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
އެ މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޕޯޗުގަލުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ރޮނާލްޑޯ ފޮނުވާލި ހަމަލާ، އުރުގުއާއީގެ ކީޕަރު ފެނާންޑޯ މުސްލޭރާ ވަނީ ފަސޭހަކަމާއެކު ހޯދައިފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި އުރުގުއާއީ އިން ލީޑު ހޯދީ ހަތްވަނަ މިނެޓުގައެވެ. ލުއިސް ސުއަރޭޒް ނަގައިދިން ހުރަހަކުން އުރުގުއާއީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އުރުގުއާއީ އިން ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އުރުގުއާއީ އިން ވަނީ ނުރައްކާކޮށްފައެވެ. ސުއަރޭޒް ފޮނުވާލި އެ ހިލޭ ޖެހުން އަމާޒުވީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އުރުގުއާއީ ކުރީގައި އޮވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އުރުގުއާއީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އުރުގުއާއީ މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓުގެ ތެރޭގައި ޕޯޗުގަލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރަފައެލް ގުރޭރޯގެ ހުރަހަކުން ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭއެވެ. އެ ލަނޑާއެކު ޕޯޗުގަލަށް ވަނީ ކުއާޓާގެ އުންމީދު އާވެގެން ގޮސްފައެވެ.
ޕޯޗުގަލުން ނަތީޖާ ހަމަހަމަކުރިތާ ހަތް މިނެޓުގެ ތެރޭގައި އުރުގުއާއީ އިން ވަނީ އަލުން ލީޑު ހޯދައިފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ރޮޑްރިގޯ ބެންޓަންކޫރް ދިން ބޯޅައަކުން އުރުގުއާއީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކަވާނީއެވެ.
އެ ލަނޑަށްފަހު ޕޯޗުގަލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ބޭނާޑޯ ސިލްވާއަށް ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ. އުރުގުއާއީގެ ކީޕަރު މުސްލޭރާ އަތުން ދޫވި ބޯޅައިން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އުރުގުއާއީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އުރުގުއާއީ މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެސް ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ރިކާޑޯ ކަރޭޝްމާ ފޮނުވާލި ހަމަލާ، އުރުގުއާއީ ކީޕަރު މުސްލޭރާ ވަނީ ދިފާއުކޮށްފައެވެ.
ރޮނާލްޑޯގެ ވާދަވެރި މެސީއަށް ވެސް ވަނީ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައެވެ. ގަދަ 16ގައި ފްރާންސްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުން މެސީގެ އާޖެންޓީނާ ބަލިވީ 3-4ގެ ނަތީޖާއަކުންނެވެ.
ކުއާޓާގައި އުރުގުއާއީ ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 7:00ގައެވެ.
ވޯލްޑް ކަޕްގެ ގަދަ 16ގައި މާދަމާ ކުޅޭ މެޗުތައް:
19:00 ސްޕެއިން - ރަޝިއާ
23:00 ކްރޮއޭޝިއާ - ޑެންމާކް