ޓްރިޕޮލީ (ސެޕްޓެމްބަރ 12) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ ގެ ސަރުކާރުގެ ބޭރުގެ ޖާސޫސީ ކަންތައްތަކާބެހޭ އިދާރާގެ ވެރިޔާ އަބޫޒައިދު ޢުމަރު ދުރްދާ ޓްރިޕޮލީގައި ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރު ކޮށްފިއެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިން، އަބޫޒައިދު ޢުމަރު ދުރްދާ ހައްޔަރުކުރީ އެއްވެސް ދެކޮޅުވެރިކަމެއްނެތި އޭނާ އަމާންދެއްވުމުން އޭނާގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް ނުދީ ރައްކާތެރިކަމާއެކުގައި ކަމަށް ޓްރިޕޮލީގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލް ބުނެއެވެ. އަބޫޒައިދު ޢުމަރު ދުރްދާއަކީ ލީބިޔާގެ ބޮޑުވަޒީރުކަމާއި އދ. ގައި ހުންނަވާ ލީބިޔާގެ ދާއިމީ މަންދޫބު ކަމުގެ މަޤާމްވެސް އަދާކުރައްވާފައިވާ ތަޖްރިބާކާރު ޢިލްމީ ބޭފުޅެކެވެ.

މިދޔަ ފެބްއުއަރީމަހު ގައްޒާފީގެ ސަރުކާރުގެ މަސްއޫލުވެރިންނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ޤައުމުން ބޭރަށް ވަޑައިގަތުން އަބޫޒައިދު ޢުމަރު ދުރްދާއަށްވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް އޭނާއަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ލީބިޔާގެ ތިންމަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއްނޫނެވެ. --އަލްޖަޒީރާ