30 Jun 2018, 21:11
ފީފާ ވޯލްޑް ކަޕުން ލިއޮނެލް މެސީގެ އާޖެންޓީނާ ކަޓުވާލައި، ފްރާންސުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ރަޝިއާގެ ކަޒަން އެރީނާގައި މިރޭ ކުޅުނު ގަދަ 16ގެ މެޗުގައި އާޖެންޓީނާ އަތުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕް 2018ގައި އާޖެންޓީނާއާއި ފްރާންސް ކުޅުނު ގަދަ 16ގެ މެޗުގެ ތެރެއިން: އެ މެޗުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ފްރާންސުން ރަނގަޅު ކުޅުމެއް ދައްކައި އާޖެންޓީނާގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އާޖެންޓީނާ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ފްރާންސުން ލީޑު ހޯދީ އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކީލިއާން އެމްބާޕޭއަށް މާކޮސް ރޯހޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ފްރާންސަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ލީޑު ހޯދައިދިނީ ގްރީޒްމަނެވެ.
މެޗުގައި ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ އާޖެންޓީނާއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. އެވާ ބަނޭގާ ދިން ބޯޅައަކުން އާޖެންޓީނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެންޖެލް ޑިމަރީއާއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑިމަރީއާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ފްރާންސް ގޯލުގެ މަތީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕް 2018ގައި އާޖެންޓީނާއާއި ފްރާންސް ކުޅުނު ގަދަ 16ގެ މެޗުގެ ތެރެއިން: އެ މެޗުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލިއޮނެލް މެސީ ފޮނުވާލި ބާރު ހަމަލާ ފްރާންސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އާޖެންޓީނާ ޑިފެންޑަރު ގެބްރިއަލް މާސޭޑޯގެ ފައިގައި ޖެހިފައެވެ. އެހެންކަމުން އެ ލަނޑު ބަލާފައިވަނީ މާސޭޑޯގެ ލަނޑެއްގެ ގޮތުގައެވެ.
އެ ލަނޑަށްފަހު ފްރާންސުން ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ އިރު، އާޖެންޓީނާގެ ޑިފެންސް ލައިނުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ފެޑެރިކޯ ފާޒިއޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ގްރީޒްމަން ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަނަށް ހުރަސްއެޅީ އާޖެންޓީނާގެ ކީޕަރު ފްރެންކޯ އަރްމާނީއެވެ.
އޭގެ މިނެޓެއް ފަހުން ފްރާންސުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލޫކަސް ހެނާންޑޭޒް ދިން ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ބެންޖަމިން ޕަވާޑެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އާޖެންޓީނާ ގޯލުގެ މަތީ ކަނަކަށެވެ.
އެ ލަނޑަށްފަހު ވެސް ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔަ ފްރާންސުން ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހައިފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އާޖެންޓީނާ ގޯލާ ކައިރިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް ކީލިއާން އެމްބާޕޭ ލީޑު ހޯދައިދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން އޮލިވިއާ ޖިރޫ ދިން ބޯޅައަކުން ފްރާންސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ.

ފީފާ ވޯލްޑް ކަޕް 2018ގައި އާޖެންޓީނާއާއި ފްރާންސް ކުޅުނު ގަދަ 16ގެ މެޗުގެ ތެރެއިން: އެ މެޗުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އާޖެންޓީނާއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. މެސީއާއި ޑިމަރީއާއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާ ވެސް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ފްރާންސުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. މެސީ ނަގައިދިން ރީތި ހުރަހަކުން އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ކުއާޓާގައި ފްރާންސް ނުކުންނަން ޖެހޭނީ މިރޭ 11:00ގައި ޕޯޗުގަލްއާއި އުރުގުއާއީ ކުޅޭ ގަދަ 16ގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.