30 Jun 2018, 19:52
ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރާ އިރު ފުލުހުން ޔުނީފޯމްގައި ތިބެން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނާފައިވާ މައްދާއަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައި ވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނޫގެ 40 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ފުލުހުންނަށް މީހަކު ހައްޔަރު ކުރެވޭނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ޔުނީފޯމު އެޅި ފުލުހަކަށް ކަމަށެވެ.
އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައު ބުނެފައިވަނީ ފުލުހުންގެ އޮފިސަރަކު މީހަކު ހައްޔަރުކުރާއިރު އޭނާ ހުރީ ފުލުހުންގެ ޔުނީފޯމްގައި ކަމުގައި ނުވާނަމަ، އޭނާއަކީ ކާކުކަން ބަޔާންކޮށްދިނުމަށްފަހު އޭނާއަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިއުމެއް ހައްޔަރުކުރެވޭ މީހާއަށް ދައްކަން ވާނެ ކަމަށެވެ.
އަދި މީހުން ހައްޔަރުކުރުމުގެ ކުރިން ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދަން ލާޒިމެއް ނުވާނެ ކަމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާނަމަ އޭނާގެ އަތުގައި ބިޑިއެއް ނޭޅުވޭނެއެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅި އިސްލާހުގައި އެ ބާރު ވަނީ ހައްޔަރުކުރާ ފުލުސް މީހާއަށް ދިނުމަށް ހުށަހަޅާފައެވެ.
ގިނަ އިސްލާހުތަކެއް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާއިރު އެ ބިލްގެ ފުރަތަމަ ކިއުން މިހާރު ވަނީ އިއްވާފައެވެ. އަދި ދެން އޮންނާނީ އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި އިބްތިދާއީ ބަހުސް ކުރުމަށްފަހު ބިލް ބަލައި ގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމެވެ.