30 Jun 2018, 18:42
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު ށ. ފޯކައިދޫ އަތުން ކްލަބު ގްރީން ސްޓްރީޓްސް ސަލާމަތްވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދުއާއި ގްރީން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީންއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އެފްއޭއެމް
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް މާލޭ ލީގުގެ ހަ ވަނަ ހޯދި ގްރީންގެ ގޯލަށް ފޯކައިދޫން ނުރައްކާކުރިއެވެ. މެޗުގެ ކުރީކޮޅު ފޯކައިދުއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން މުހައްމަދު ޖައިލަމްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ، ގްރީންގެ ގޯލްކީޕަރު ސާގޭ ސްމޮރޮޑިން ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފޯކައިދޫން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. ފޯކައިދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ މަހުމޫދެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގްރީނުގެ ގޯލުގެ މަތީ ކަނަކަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީންއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އެފްއޭއެމް
ހަމަލާތަކަކަށްފަހު ގްރީނަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ މިސްބާހެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަހްމަދު ރިލްވާން (ރިލޭ) ފޮނުވާލި ހަމަލާ، ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީންއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބ. ފެހެންދޫއެވެ.