30 Jun 2018, 20:45
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ދިނުމަށް އެ ޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ރިޔާސީ ކެންޑިޑޭޓުކަމަށް އިބޫގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އިތުރު ނަމެއް ހުށައަޅާފައި ނެތުމުން ކޮންގްރެސްގައި ނެގީ ފެންނަނަ ނުފެންނަ ވޯޓެކެވެ.
އއ. އުކުޅަގުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި އިބޫއަށް ޓިކެޓް ދިނުމަށް ފެންނަ ކަމަށް ކޮންގްރެސްގައި ވޯޓް ދެއްވި 791 މެންބަރުން ވަނީ އާބަސްބުނެ ވޯޓު ދީފައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުއަށް ރިޔާސީ ޓިކެޓް ދިނުމަށް ހުށަހެޅި ގަރާރުގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ޓިކެޓް ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެވޭ ހާލަތެއް އައިސްފި ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ނަޝީދު ކަމަށެވެ.
ނަޝީދަށް ލިބިވަޑައިގަތް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ މިރޭގެ ކޮންގްރެސްގައެވެ. ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައިވަނީ އޭނާގެ ކެނޑިޑެންސީ އިލެކްޝަން ކޮމިޝަނުން ގަބޫލު ނުކޮށް އެމްޑީޕީއަށް ފުރުސަތު ގެއްލިދާނެތީ ކަމަށެވެ.
ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ދިނުމަށް ކޮންގްރެސް އިން ނިންމިއިރު ރޭ އިދިކޮޅު ޕާޓީތަކުން ވަނީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފައެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީއަށް ފުރުސަތު ދިން އިރު ރަނިން މޭޓަކު ނެރުމުގެ ފުރުސަތު ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ.