30 Jun 2018, 18:26
ފަސް ނުކުތާއެއްގެ މައްޗަށް އެކުލެވޭ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޭނުންކުރާނެ ރިޔާސީ މެނިފެސްޓޯ އިއުލާންކޮށްފިއެވެ.
އެމްޑީޕީން އއ. އުކުޅަހުގައި މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި ވަނީ މެނިފެސްޓޯގެ ހިމެނޭ މައިގަނޑު ބައިތަކުގެ ތަފްސީލް ދެއްވާފައެވެ. އެ ގޮތުން މެނިފެސްޓޯގައި އެކުލެވިގެންވަނީ މައިގަނޑު ފަސް ބައެއްގެ މައްޗަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު ފަސް ބައެއް
ޖަޒީރާ ދިރިއުޅުން
- ނޫ އިގްތިސޯދު
- ފަހުރުވެރި އާއިލާ
- އޯގާތެރި ސަރުކާރު
- އަދުލު އިންސާފު

އެމްޑީޕީން އއ. އުކުޅަހުގައި ކުރިއަށް ގެންދާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސް --- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން އެ ޕާޓީގެ މެނިފެސްޓޯ ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލާފައެވެ. އެގޮތުން އަދުލު އިންސާފްގެ ދާއިރާ އެކުލެވޭ ކަންތައްތަކުގެ ތަފްސީލް ދެއްވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީން އެކުލަވާލާނީ ދޮޅު އަހަރުގެ ދުވަހުގެ އެއްބައިވަންތަކުމުގެ ސަރުކާރެއް ކަމަށެވެ.
އިންތި ވިދާޅުވީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލަނީ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުރަސް ތަކެއް ހުރުމުން ކަމަށާއި އިންތިގާލީ ސަރުކާރުން މިނިވަން މިއައްސަސާތައް އިސްލާހު ކުރާނެ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބްގައި ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވާއިރު ރިޔާސީ ކެނޑިޑޭޓަކު ނެރުމުގެ ފުރުސަތު ދީފައި ވަނީ އެމްޑީޕީއަށެވެ. އަދި ރަނިން މޭޓެއް ނެގުމުގެ ފުރުސަތު ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ.