12 Sep 2011, 09:14
ބިސާއޮ (ސެޕްޓެމްބަރ 12) : ފިއްލަވައިގެން އުޅުއްވާ ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ އަށް )ފޮޓޯގައި( ޙިމާޔަތާއި ރައްކާތެރިކަން ދޭން ތައްޔާރަށް އޮތްކަން ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ގިނީ ބިސާއޮ އިން ބުނެފިއެވެ.
މިކަން ހާމަކުރައްވަމުން ގިނީ ބިސާއޮގެ ބޮޑުވަޒީރު ކާރލޮސް ޖިންޔޫރު ވިދާޅުވީ ގައްޒާފީ އެދިވަޑައިގެންފިނަމަ ގައްޒާފީއަށާއި އޭނާގެ ޢާއިލާއަށާއި އެހީތެރިންނަށް ގިނީ ބިސާއޮ އިން ޙިމާޔަތްދޭނެ ކަމުގައެވެ. ނަމަވެސް ގައްޒާފީގެ ކިބައިން މިފަދަ އެއްވެސް އިޝާރާތެއް އަދި ލިބިފައިނުވާ ކަމަށް ޖިންޔޫރު ވިދާޅުވިއެވެ.
ހުޅަނގު އެފްރިކާގެ ކުޑަ ޤައުމެއް ކަމަށްވާ ގިނީ ބިސާއޮ އަކީ ގައްޒާފީގެ ވެރިކަމުގައި ލީބިޔާއިން ބޮޑެތި އެހީތަކެއްވެދީފައިވާ ޤައުމެކެވެ. ގިނީ ބިސާއޮގައި ފަހުން ބިނާކޮށްފައިވާ ތަރައްޤީގެ އިންފްރާސްޓްރަކްޗަރާއި ޓޫރިޒަމާއި މުވާސަލާތާއި ދަނޑުވެރިކަމުގެ ސެކްޓަރ ތަކުގެ އިންފްރާސްތްރަކްޗަރ ގެވެސް ބޮޑުބައެއް ތަރައްޤީ ކޮށްފައިވަނީ ގައްޒާފީގެ ވެރިކަމުގައި ދެއްވި އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ހިލޭއެހީއާއި ލޯންއެހީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގިނީ ބިސާއޮގެ ބޮޑުވަޒީރު ކާރލޮސް ޖިންޔޫރު ވިދާޅުވީ ޤައްޒާފީއަކީ ގިނީ ބިސާއޮގެ ރައްޔިތުން ޤައުމީ ފެންވަރެއްގައި އިޙްތިރާމްކޮށް ޙިމާޔަތްދޭނެޖެހޭ ވަރުގެ ޝަޚްސިއްޔަތެއް ކަމަށާއި ގައްޒާފީގެ ހެޔޮކަމާއި ދީލަތިކަން ގިނީ ބިސާއޮގެ ރައްޔިތުން އަބަދަށް ހަނދާންކުރާނެ ކަމުގައެވެ.
ގިނީ ބިސާއޮ އަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައިވެސް ސޮއިކޮށްފައިވާ ޤައުމެއްނޫނެވެ. އެހެންކަމުން ގައްޒާފީއަށް ޙިމާޔަތް ދިންނަމަވެސް އޭނާ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރަން އެޤައުމަށް ލާޒިމް ނުވާނެ ކަމަށް މުރާސިލުންބުނެއެވެ.
ގައްޒާފީ ފިއްލަވައިގެން އަދިވެސް އުޅުއްވަނީ ލީބިޔާގައި ކަމަށާ ނަމަވެސް ގައްޒާފީ ހުންނެވި ތަނެއް އެނގިފައިނުވާ ކަމަށް އޭނާގެ ތަރްޖަމާން ޑޮކްޓަރ މުސާ އިބްރާހީމް ވިދާޅުވިއެވެ. -- އަލްޖަޒީރާ، ރޮއިޓާސް