30 Jun 2018, 15:13
އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ރަނގަޅަށް ކޯޑިނޭޓު ނުކުރުމުގެ ސަބަބުން އއ. އުކުޅަހުގައި މިއަދު ބާއްވަމުން ގެންދާ އެ ޕާޓީގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރަށް ބައިވެރިނުވެވުނު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން"އަށް ވިދާޅުވީ، އެމްޑީޕީން އއ. އުކުޅަހުގައި އެޕާޓީގެ ކޮންގްރެސް މިއަދު ބާއްވާކަން ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެމްޑީޕީއަށް ލިޔުމުން ޖަވާބު ދެއްވައި، ފުރިހަމަ އެއްބާރުލުން ކޮމިޝަނުން ދޭނެކަން ހާމަކުރައްވާފައިވާ ކަމަށެވެ.
އަދި ކޮންގްރެސް އޮބްޒާވުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބައިވެރިވާނެ ބޭފުޅެއްގެ ނަމާއި މައުލޫމާތުތައްވެސް އެމްޑީޕީއާ ރަސްމީކޮށް ހިއްސާކޮށްފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެމްޑީޕީއިން އެ ކޮމިޝަނާ ރަނގަޅަށް ކޯޑިނޭޓު ނުކުރުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރަށް މިއަދުގެ ކޮންގްރެސްގައި ބައިވެރިނުވެވޭ ކަމަށް އަކްރަމް "ސަން"އަށް ވިދާޅުވިއެވެ.
އއ. އުކުޅަހުގައި ބާއްވާ ކޮންގްރެސްގައި މުހިންމު ނިންމުންތަކެއް ނިންމާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމާ ގުޅިގެން އެ ޓިކެޓު ދެން ދޭނެ ފަރާތެއް ކަނޑައަޅާނެ ގޮތަކާ މެދު ކޮންގްރެސްގައި މަޝްވަރާކޮށް، ނިންމާނެއެވެ.
އިދިކޮޅު އިއްތިހާދުން މިހާރު ނިންމާފައިވަނީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް އަދި ޖުމްހޫރީ ޕާޓީގެ ރަނިންގް މޭޓެއް ނެރުމަށް ރޭ ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.