30 Jun 2018, 14:29
އަންކާރާ (ޖޫން 30): ތުރުކީގެ ކުރީގެ އިދިކޮޅު މަޖިލިސް މެމްބަރެއް ކަމަށްވާ އެރެން އާދަމްގެ މައްޗަށް ޓެރަރިޒަމާ ގުޅުން ހުރި ދައުވާއެއްކޮށް، އިއްޔެ ހައްޔަރުކޮށްފިއެވެ.
ސެޕްޓެމްބަރު މަހު ފަށަން ހަމަޖެހިފައިވާ އާދަމްގެ ޝަރީއަތާ ދިމާކޮށް އޭނާ ހައްޔަރު ކުރީ މިމަހުގެ 24 ގައި އޮތް މަޖިލިސް އިންތިހާބުގައި ވާދަކޮށް، އޭނާގެ ގޮނޑި ގެއްލުނު ފަހުންނެވެ. އާދަމް އިންތިހާބުގައި ވާދަކުރީ މައި އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ކެނޑިޑޭޓެއްގެ ގޮތުގައި އެވެ.
އާދަމްގެ މައްޗަށް ކޮށްފައި ވަނީ 2016 ވަނަ އަހަރު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތް ކުރިއަށްގެންދިޔަ ޖަމާއަތަށް އެހީ ފޯރުކޮށްދިނުމުގެ ތުހުމަތެއެވެ.
ތުރުކީގެ ސަރުކާރުން ބުނާ ގޮތުގައި އެބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާގައި ހުރި ދީނީ އިލްމުވެރިޔާ ފަތްހުﷲ ގުލެންއާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކެވެ. ނަމަވެސް ގުލެން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އާދަމްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ބެހޭ ގޮތުން އޭނާ އަދި ވަކި އެއްޗެކޭ ވިދާޅުނުވެއެވެ. ނަމަވެސް އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ނުވަ އަހަރާއި 22 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.
މި މަހު ތުރުކީގައި މަޖިލިސް އިންތިހާބު ބާއްވާފައި ވަނީ ރިޔާސީ އިންތިހާބާ އެއްކޮށެވެ. އަދި މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ އޭކޭ ޕާޓީން ކުރި ހޯދި އިރު، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ފަސް އަހަރުގެ ދެވަނަ ދައުރަކަށް އިންތިހާބުވެފައިއެވެ.
(ބީބީސީ)