މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މި ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ދައުލަތުގެ ހަރަދުތައް 1.3 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސުން އިއްޔެ އާއްމުކުރި ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މިމަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ފަހަރު އާއްމުކުރަން ހަމަޖައްސާފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ފުރަތަމަ ބަޔާނަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 6.3 ބިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް، ދައުލަތުގެ ހަރަދުތައް 7.5 އަށް އަރަ އެވެ. މިއީ އާމްދަނީއާ އަޅާބަލާއިރު 20 ޕަސަންޓް ނުވަތަ 1.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ހަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ރިކަރެންޓް ހަރަދުތަކެވެ. އެއީ 5.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 3.4 ބިލިއަން ރުފިޔާ މުސާރައާއި އުޖޫރަ އަށް ހަރަދުކޮށްފައިވާއިރު، 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އޮފީސްތައް ހިންގުމަށެވެ. އަދި ފަސް މިލިއަން ރުފިޔާ ގެއްލުުމުގެ ފޫބެއްދުމަށް ގޮސްފައިވެ އެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ ހަމައެކަނި 1.3 ބިލިއަން ރުފިޔާ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 562 މިލިއަން ރުފިޔާ އެވެ.

މާލީ ބަޔާނުން ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ ހަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެެއްބައި )3.4 ބިލިއަން ރުފިޔާ( ހަރަދުވެފައިވަނީ "މުސާރައާއި އުޖޫރަ" އަށް ކަމަށްވީ ނަމަވެސް، އެ މުސާރަ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލެއް ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުސާރައިގެ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން މުވައްޒަފުންނަށް ހަރަދުވެފައިވާ ވަރެއް އެ ބަޔާނުން ނޭގެ އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކުރާ އޮފީސްތަކުގެ ހަރަދަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ފިނޭންސް މިނިސްޓްރީ އަށެވެ. އެއީ ހާއްސަ ބަޖެޓުން 1.9 ބިލިއަން ރުފިޔާ އާއި އިތުރު 311 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ 1.2 ބިލިއަން ރުފިޔާ އާއެކު އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.

އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 222 މިލިއަން ހަރަދުވެފައިވާއިރު، ރައީސް އޮފީހަށް 82.8 މިލިއަން ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް 72.7 ހަރަދުވެފައިވެ އެވެ. ކައުންސިލްތަކަށް 359 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވެސް ދައްކަ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކުގެ ހަރަދުތައް ވެސް މާލީ ބަޔާނުން އެނގެން ހުރި ނަމަވެސް، ރައީސް އުފައްދަވާފައިވާ ކޯޕަރޭޝަންތައް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ކޮމިޝަންތަކުގެ ތަފްސީލެއް އެނގެން ނެތެވެ. ބަޖެޓުގައި އެތަންތަނަށް ފައިސާ ކަނޑައަޅައިފައެއް ނުވެ އެވެ.

މާލީ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި ގޮތުގައި، ފިނޭންސުން އާއްމުކުރި ދައުލަތުގެ މާލީ ހިސާބުތަކުން ގިނަ ކަންތައްތަކެއް ރަނގަޅަށް ސާފެއް ނުވެ އެވެ. އަދި ހަރަދުތަކާ ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް ހިމަނާފައި ނުވާއިރު، ބަޖެޓް ކުރި އަދަދަށްވުރެ އިތުރުވެފައިވާ ހަރަދުތަކާއި އަދި ބަޖެޓް ކޮށްފައި ނެތީސް، ދައުލަތުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލެއް ވެސް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓް ނުކުރެވޭ ހަރަދުތައް، މިސާލަކަށް ގައުމީ އިދާރާތަކުގެ ހަރަދުތައް، ބަޖެޓުގެ ކޮންތާކަށް ދަނީ؟ މިނިސްޓްރީތަކުގެ ބްރޭކް ޑައުން އެއް އެބައިން. ހަމަ އެގޮތަށް ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ސަރުކާރުން މުސާރަދޭ ސިޔާސީ ބޭފުޅުންގެ ހަރަދުތަކުގެ ބްރޭކް ޑައުން އެއް އިންނަން ޖެހޭ. އޭރުން ދައުލަތުގެ ހަރަދުތައް ޓްރާންސްޕޭރެންޓް ވާނީ." އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މާލީ ހިސާބުތައް އާއްމުކުރަން ފެށުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނަނީ، އެ ހިސާބުތައް އޮޑިޓް ނުކުރާ ކަމަށާއި އެއީ ހަމައެކަނި މެނޭޖްމަންޓުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.