ވޮޝިންޓަން (ޖޫން 30) : އެމެރިކާއަށް ހިޖުރަކުރާ ފަރާތްތަކާ މުއާމަލާތްކުރުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާކުރި 600 އަށް ވުރެ ގިނަ އަންހެނުން، އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ސުލްހަވެރި ގޮތުގައި ޓްރަމްޕްގެ ލާއިންސާނީ ސިޔާސަތުތަކާ ދެކޮޅަށް މުޒަހަރާކުރަނިކޮށް އެމެރިކާގެ ފުލުހުން ހައްޔަރުކުރި އަންހެނުންގެ ތެރޭގައި އެމެރިކާގެ ކޮންގްރެސްގެ އަންހެން މެންބަރެއް ކަމަށްވާ ބްރަމީލާ ޖަޔާބާލްއާއި ހޮލީވުޑްގެ ފިލްމީ ތަރިއެއްކަމަށްވާ ސޫޒަން ސެރަންޑަން ވެސް ހިމެނެ އެވެ.

ހުއްދަ ނެތި އެމެރިކާއަށް ހިޖްރަކުރާ ފަރާތްތަކާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތައް ބިނާކޮށްފައި ވަނީ މައިންބަފައިންނާ ޅަ ދަރިން ވަކިކުރުމަށް ފަހު ދަރިންނާ ވަކިން މައިންބަފައިންނާއި އާއިލާގެ އެހެން މީހުން ހައްޔަރުކުރާ ގޮތަށެވެ. އަދި ހައްޔަރުކުރާ މީހުންނާ މެދު ޝަރީޢަތް ހިންގާ ގޮތަށެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ގުޅިގެން މިކަން ތަންފީޒުކުރަމުން ގެންދަނީ އެމެރިކާ ސިފައިންނެވެ.

މައިންބަފައިންނާ ބެލެނިވެރިންނާ ދަރިން ވަކިކޮށް އެމީހުން ހައްޔަރުކުރުމުގެ ސިޔާސަތަކީ ދެވަނަ ބޮޑުހަނގުރަމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ނާޒީ ޖަރުމަނުން ހިންގި ފަދަ ލާއިންސާނީ ޖަރިމާ އެއްކަމަށް ވާތީ އެމެރިކާގެ އެތެރޭންނާއި ބޭރުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މިދިޔަ ހަފްތާގައި ޓްރަމްޕަށް ވަނީ ދަރިންނާއި އާއިލާތައް ވަކިކުރުމުގެ ހަރުކަށި ސިޔާސަތު ތަންފީޒުކުރުން ހުއްޓާލުމަށް ނިންމަވައިފަ އެވެ.

ނަމަވެސް ލިޔެކިޔުން ނެތި އެމެރިކާއަށް ވަންނަ ހިޖުރަވެރިންނާއި ރެފިއުޖީން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ސިޔާސަތު އަދިވެސް ޓްރަމްޕް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މިހާރު މިގޮތަށް އެމެރިކާއަށް ހިޖްރަކުރާ އާއިލާތައް ހައްޔަރުކުރަނީ ކުޑަކުދިންނާ ވެސް އެކުގަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް ވަނީ ޓްރަމްޕް އެކަށައަޅުއްވާފައި ވާ މި ސިޔާސަތު ތަންފީޒު ކުރުމުގައި އެމެރިކާ ސިފައިން އެހީތެރިވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މާޓިސް ވަނީ މިފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް އެމެރިކާގެ މައި ބައްރާ ވަކިން އޮންނަ އެލަސްކާގައި އަސްކަރީ ދެ ބޭސްގައި ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާ ސިފައިން ކުރިޔަށް ގެންދާކަން ހާމަކުރައްވައިފަ އެވެ.

އެމެރިކާ ހިންގާ އިންސާނި ހައްގުތަކާ ޚިލާފު ޖަރީމާތަކާ ދެކޮޅަށާ އަދި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަށް ކުށްވެރިކޮށް އެކަންކަމާ ދެކޮޅަށް އަޑުއުފުލާތީ އެމެރިކާ ވަނީ އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލުން ވެސް ދާދި ފަހުން ވަކިވެފަ އެވެ.

އެމެރިކާއަށް ހިޖުރަކުރާ ފަރާތްތަކާ މުއާމަލާތްކުރުމުގައި ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި އަދި ލާއިންސާނީ ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާކުރި އެމެރިކާގެ އަންހެނުން ވަނީ ރެފިއުޖީންނާއި ހިޖްރަވެރިން އެމީހުންގެ ދަރިންނާއެކު ހައްޔަރުކޮށްފައި ބައިތިއްބާ ކޭމްޕްތައް ވަގުތުން ބަންދުކުރުމަށް ގޮވާލައި އެކަމާގުޅޭ ޝިޢާރުތައް އުފުލައިފަ އެވެ.

(ނޫސްއެޖެންސީތައް)