01 Jul 2018, 09:25
ވޮޝިންޓަން(ޖޫން 30): އެމެރިކާގެ ސުޕްރީމް ކޯޓަށް ރައީސް ޑޮނަލްޑް ޓްރަމްޕް އައްޔަން ކުރަން ނިންމަވާ ކެނޑިޑޭޓުގެ ނަން އަންނަ މަހުގެ ނުވައެއްގައި އިއުލާން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެންތަނީ ކެނެޑީ އަންނަ މަހުގެ 31ގައި ރިޓަޔާ ކުރައްވަން ނިންމެވުމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ އެމަގާމަށް އައްޔަން ކުރަން ބޭނުންފުޅުވާ ފަސް ކެނޑިޑޭޓަކު ތިއްބެވި ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ތެރޭގައި ދެ އަންހެނުން ހިމެނޭ ކަންވެސް ހާމަ ކުރައްވާފައެވެ.
ރައީސް ޓްރަމްޕް ޚިޔާރު ކުރައްވާ ކެނޑިޑޭޓުގެ ނަން ދެން ހުށަހަޅާނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ، ގާނޫނު ހަދާ މަޖިލީހަށެވެ. އަދި އެކެނޑިޑޭޓަކަށް ރުހުން ދިނުމާ ބެހޭ ގޮތުން މަޖިލީހުގައި ވޯޓެއް ނަގާނެއެވެ.
ފަނޑިޔާރު ކެނެޑީ އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގައި ތިއްބަވާނީ ހަތަރު ކޮންޒަވޭޓިވް ފަނޑިޔާރުންނާއި ހަތަރު ލިބެރަލް ފަނޑިޔާރުންނެވެ. އޭގެ ތެރޭގައި ރައީސް ޓްރަމްޕް މިދިޔަ އަހަރު ނޮމިނޭޓު ކުރެއްވި ފަނޑިޔާރު ނީލް ގޯސަޗްވެސް ހިމެނެއެވެ. އަދި މިފަހަރުވެސް ޓްރަމްޕް ޚިޔާރު ކުރައްވާނެ ކަމަށް ބެލެވެނީ ކޮންޒަވޭޓިވް ޚިޔާލުގެ ފަނޑިޔާރެކެވެ.
އުމުރުން 81 އަހަރުގެ ފަނޑިޔާރު ކެނެޑީ ވިދާޅުވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އާއިލާއާ އެކު ވަގުތު ހޭދަ ކުރެއްވުމަށްޓަކައެވެ. (ބީބީސީ)