30 Jun 2018, 11:04
ކްރޮއޭޝިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ލޫކާ މޮޑްރިޗް ކަމަށް އޭނާއާއެކު ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅޭ އިވާން ރަކިޓިޗް ބުނެފިއެވެ.
ވާދަވެރި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މޮޑްރިޗްއާ ގުޅޭގޮތުން ބާސެލޯނާގެ މިޑްފީލްޑަރު ރަކިޓިޗް ބުނީ މޮޑްރިޗަކީ މުޅިން އެހެން ގުރަހައަކަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށެވެ.
ކޮރޮއޭޝިއާގެ ލެޖެންޑް ރޮބާޓް ޕްރޮސިކީއަކީ ރަކިޓިޗްގެ އައިޑޮލްގެ ގޮތުގައި އޭނާ ދެކުނު ނަމަވެސް، ރެއާލްއާއެކު ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކްރޮއޭޝިއާ ގައުމީ ޓީމުގެ ކެޕްޓަން މޮޑްރިޗަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރަކިޓިޗް ދެކެއެވެ.
"މޮޑްރިޗަކީ ކްރޮއޭޝިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އޭނާއަކީ ވަރަށް ރަނގަޅު މީހެއް، ލީޑަރެއް. އަހަރެމެން މިދަނީ އޭނާގެ ފަހަތުން. މޮޑްރިޗަކީ އަންދްރޭސް އިނިއެސްޓާއާ ދާދި އެއް ސްޓައިލަކަށް ކުޅޭ ކުޅުންތެރިއެއް. އަހަރެންގެ ޓީމެއްގައި ނަމަ، އެ ދެ ކުޅުންތެރިން ހިމަނާނަން. އެ ދެ ކުޅުންތެރިންނާއެކު ކުޅެލަން ލިބުމަކީ ފަހުރެއް ކަމުގައި އަހަރެން ދެކެން،" ރަކިޓިޗް ބުންޏެވެ.
ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މާދަމާ ރޭ 11:00ގައި ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ ޑެންމާކްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ ސްޕެއިންއާއި ރަޝިއާ ކުޅޭ ގަދަ 16ގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ރަކިޓިޗްއާއި މޮޑްރިޗްއާއެކު ކްރޮއޭޝިއާގެ "ގޯލްޑަން ޖެނެރޭޝަން"ގެ ގޮތުގައި ފާހަގަކޮށްލެވޭ މިހާރުގެ ކުޅުންތެރިންގެ އުމުރު އުޅެނީ 30 އިން މަތީގައެވެ.
"އަހަރެމެންނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިއްޖެ ނަމަ، އުފަލާއެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނަން." ރަކިޓިޗް ބުންޏެވެ.