ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ބޮޑު އިވެންޓެއް ކަމުގައިވާ ވޯލްޑް ސްޕާ އެވޯޑްސް މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދ. އަތޮޅު ވޮށްމުލީގައި ހިންގާ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގެ ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސްޕާގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ވޮށްމުލީގެ އޯވާ ވޯޓާ ސްޕާ، "އިރީޑިއަމް ސްޕާ"އަކީ 2017 ވަނަ އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި "ބެސްޓް ސްޕާ ޑިޒައިން އެވޯޑު" ހޯދި ސްޕާއެވެ. އަދި މި އަހަރުވެސް އެ އެވޯޑަށް އިރީޑިއަމް ސްޕާ ދަނީ ވާދަކުރަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭސަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ވޮށްމުލި ރިސޯޓުގެ ސްޕާގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:00 ހާ އިރު ކަމަށެވެ.

އަދި އެމްއެންޑީއެފް ސަދަން އޭރިއާ ދ. ކުޑަހުވަދޫ ފަޔަރ އެންޑް ރެސްކިއު ސާވިސް ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެ، ގަޑިއެއްހާ އިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޯވާ ވޯޓާ ސްޕާއެއްގެ ގޮތުގައި ހަދާފައިވާ، ވޮށްމުލީގެ އިރީޑިއަމް ސްޕާއަށް އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ވޮށްމުލީގައި ބާއްވަން ރާވާފައިވާ ވޯލްޑް ސްޕާ އެވޯޑްސްގެ ގާލާ ހަފްލާ އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭއެވެ.