30 Jun 2018, 00:35
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓެއް ނެރެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއްބަސްވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން މިގޮތަށް ފާސްކުރީ ކިހާވަރެއްގެ އަޣުލަބިއްޔަތަކުން ކަމެއް އެ ބަޔާނުގައި ބުނެފައެއްނުވެއެވެ.
އިދިކޮޅު ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު މިއަދު އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ނަޝީދަށް ރައްދު ދެއްވަމުން ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމީ ކަމަށް ވިދާޅުވެ އެމަނިކުފާނު ހައްދަވަނީ އިތުރުފުޅު ކަމަށެވެ.
އަދުރޭ ވިދާޅުވީ ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާތީ، ގާނޫނީގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ނަޝީދަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއް ކެންޑިޑޭޓު ނެރުމާ ގުޅޭގޮތުން އިދިކޮޅު ހުރިހާ ޕާޓީތަކުން މިރޭ އެއްބަސްވިނަމަވެސް، އެ ނިންމުން ނިންމުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން ވަނީ އެ ޕާޓީއަށް ރިޔާސީ ކެންޑިޑޭޓު ނެރުމުގެ ފުރުސަތު ދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފައެވެ.