ކ. ހުރަޔަށް ދަތުރު ގޮސް އުޅެނިކޮށް، ހިރިޔާ ސްކޫލުގެ ހަތަރު ދަރިވަރުން މަރުވެ ޕްރިންސިޕަލް އަވާހަރަވީ މިދިޔަ ހުކުރު ދުވަހު އެވެ. މި ކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ބަޔާނެއް ނެރުއްވީ މިއަދު އެވެ. ހާދިސާ އަށް 48 ގަޑި އިރު ފާއިތުވީ ފަހުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަކީ ރައްޔިތުންނަށް ގާނޫނޫ އަސާސީން ލިބިދީފައިވާ އިންސާނީ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދޭތޯ ބެލުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތެވެ. އެ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތައް ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީގެ 192 ވަނަ މާއްދާގަ އެވެ. އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ކުރިއެރުވުމާއި އެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެ މާއްދާގެ (ހ) ގެ ދޭއްގެ ދަށުން އެ ކޮމިޝަނުގެ ޒިންމާ އެކެވެ. އަދި އެ މާއްދާގެ (ހ) ގެ ތިނެއްގައި ބުނެފައިވާ ގޮތުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި ވަޒަން ކުރުމަކީ ވެސް އެ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހަމަ އެ މާއްދާގެ (ށ)ގެ ދަށުން އެ ކޮމިޝަނަށް ބާރުތަކެއް ލިބެ އެވެ. އެ ގޮތުން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ތަހުގީގުކޮށް އަންގާން ޖެހޭ ފަރާތްތަކަށް އެންގުމާއި އިންސާނީ ހައްގެއް ނިގުޅައިގެންފި ނަމަ ގާނޫނުގައިވާ ގޮތުގެ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެކިއެކި ދިރާސާތައް ކުރުމާއި އެ ހައްގު ތަކާ ބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރު ކުރުވުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެންމެ ފުރަތަމަ އަޅުގަނޑުގެ އޮތް ސުވާލަކީ މި ކަންކަން ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވެނީ ކިހާ ވަރަކަށް ބާވަ އެވެ؟ އެ ކޮމިޝަނުގެ މަސައްކަތާ މެދު ރައްޔިތުންގެ ހިތްހަމަ ޖެހުން އޮތީ ކިހާ ވަރަކަށް ތޯ އެވެ؟ ގާނޫނު އަސާސީން އެ ކޮމިޝަނުގެ މައްޗަށް ލާޒިމު ކޮށްފައިވާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރެވެނީ ކިހާ ވަރަކަށްތޯ އެވެ؟
ނޫސްވެރިއެއްގެ ފިކުރުން ބޭރަށް ޖެހި، ޢާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ގައިމުވެސް ހިޔުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތާ މެދު ހިތްހަމައެއް ނުޖެހެ އެވެ.

ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. މިދިޔަ ހުކުރު ދުވަހު ހުރާގައި ހިނގައި ދިޔަ ހާދިސާ އަކީ މި ފަހުގެ ތާރީޚުގައި މި ގައުމުގައި ހިނގައި ދިޔަ އެންމެ އެންމެ ހިތާމަވެރިއެއް ހާދިސާ އެވެ. ހުކުރު ދުވަހުގެ މެންދުރު ވެގެން އައި އިރު މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ދޫމަތީގައި އޮތީ އެ ގައުމީ ހިތާމައިގެ ވާހަކަތަކެވެ. އެ ހާދިސާގެ ވާހަކަތައް އަހައި، ބަލައި އަދި ކިޔައި ހެދި ކޮންމެ މީހެއްގެ ލޮލުން ވެސް ކަރުނަ ހިލޭނެ އެވެ. އެއީ ގައުމީ ހިތާމައިގެ ދުވަހެކެވެ. ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިޔަށް ތިރި ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވި އެވެ. ރަސްމީ އިދާރާތަކުން އެ ފަރާތްތަކުގެ އޮފީސްތައް ހުޅުވައިގެން މީޑިއާ މެދުވެރި ކޮށާއި އެ ނޫން ގޮތް ގޮތުން ވެސް ކަމާ ގުޅޭ ބަޔާންތައް ނެރުނެވެ. އެ މަރުހޫމުންނަށް ހެޔޮ ދުއާ ކުރި އެވެ. އާއިލާތަކަށް ހިތްވަރު ދިނެވެ. އެ މަރުހޫމުންގެ މޫނު ބެލުމަށް ދިޔަ މީހުންގެ އަދަދަކީ ވެސް ތާރީޚީ ކަމެކެވެ.

މި ހުރިހާ ކަމެއް ވެގެން ދިޔަ އިރު، ހިޔުމަން ރައިޓްސް ކޮމިޝަން ކޮބައިތޯ އެވެ؟ ކުރެއްވީ ކޮން ކަމެއްތޯ އެވެ؟ ޖެހިގެން އައި ހޮނިހިރު ދުވަސް ވެސް ދިޔައީ އެވެ. ތިޔަ ބޭފުޅުންގެ ކަންބޮޑުވުމުގެ އާންމު ބަޔާން ގަނޑު ވެސް ނެރުއްވޭ ވަރުވީ ދެ ދުވަސް ފަހުންތޯ އެވެ؟ ތެދުފުޅެކެވެ. ކަމެއް ނުކުރުމަށް ވުރެ ފަހުން ކުރުން ވެސް ރަނގަޅުވާނެ އެވެ. އެ އުސޫލުން އަޅުގަނޑު މަރުހަބާ ވެސް ކިޔަމެވެ.

ދިރިހުރުމުގެ ހައްގަކީ އެންމެ ބޮޑު އަސާސީ ހައްގު ކަމަށްވާ އިރު، އިހުމާލަށް ފުރުސަތު ލިބޭ ގޮތަށް މި މުޅި ހާދިސާ ފެށިގެން ނިމުމާ ހަމަޔަށް ހުރީ ކޮން ކަންކަމެއްތޯ ބެއްލެވީ ކިހާ ވަރަކަށް ތޯ އެވެ؟ ނުވަތަ އެ ކަން ބައްލަވާނެ ކަމަށް ބަޔާނުގައި ނެތީ ކީއްވެތޯ އެވެ؟ ޒިންމާ އަދާ ކުރެއްވުމަކީ ތިއީތޯ އެވެ؟ ހާދިސާ ހިނގި ރަށް އޮތީ ސްޕީޑުގައި ވިހި މިނެޓުގެ ރާސްތާގައި ކަމަށްވާ އިރު، ހާދިސާ ހިނގިތާ ތިން ދުވަސްވީ އިރު ވެސް އެހާ ހިސާބަށް ވަޑައި ނުގެންނެވުނީ ކީއްވެ ތޯ އެވެ؟ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ތަހުގީގުކޮށް އަންގާން ޖެހޭ ފަރާތްތަކަށް އެންގުން އެއީ ކުރައްވާން ޖެހޭ ކަމަކަށްވާ އިރު، މި ބޮޑު ހާދިސާގައި އެފަދަ ކަމެއް ހިނގާފައި ވޭތޯ ބައްލަވަން ވަޑައިގަންނަވާނީ އަދި "ތަންކޮޅެއް" ފަހުން ތޯ އެވެ؟

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރު ކުރުމަކީ ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރާން ޖެހޭ ކަމަކަށް ވާ އިރު އެ ކަން އެކަށީގެންވާ ވަރާ ގާތަށް ވެސް ކުރެވޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. "މިވެނި ކަމެއް ކުރީމޭ، އެވެނި ކަމެއް ކުރީމޭ، އެވެނި ދިރާސާތަކެއް ކުރީމޭ" ކިޔައި އަހަރީ ރިޕޯޓުގައި އޮތަސް، އޭގެން ރައްޔިތުންނަށް ރާހަތެއް ނުކުރާ ނަމަ އެއީ ކަރުދާހުގައި ރޮނގު އެޅުމެވެ.

ރާއްޖޭގައި ހެދޭ ގިނަ ގާނޫނުތަކުގައި އިންސާނީ ހައްގުތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން ހުރި ބައިތައް ހުރި އިރު އެއަށް ހޭލުންތެރިކޮށްދީ، އެ ހައްގުތަކުގެ ބޭނުން ރައްޔިތުން ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިކޮށްދިނުމަށް ކުރެއްވީ ކޮން ކަމެއްތޯ އެވެ؟ ރާއްޖޭގެ ސިޔާސީ ވެށި "ބާޒާރީ" ވެގެން ދާ އިރު އެބައި މީހުންގެ ކޮންމެ ހަރަކާތަކުން މި ގައުމުގެ އާންމު ރައްޔިތު މީހާގެ އިންސާނީ ހައްގުތައް "ލޫޓުވިގެން" ދާ އިރު އެ ކަމަށް އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ އެވެ؟ މި ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދި ވެގެން ގޮސް އިންސާނީ ވަންތަ ކަމުގެ ކަންފުޅެއް ވެސް ނެތް މިންވަރަށް ދަށު ދަރަޖަ އަކަށް ބައެއް ކަންކަން ވެއްޓޭ އިރު، ތިޔަ ކޮމިޝަން ކޮބައިތޯ އެވެ؟

އަޅުގަނޑު ބުނާން އޮތީ ދެ ތިން ވާހަކަ އެވެ. ތީ މިނިވަން މުވައްސަސާއެއް ކަމަށް ގަބޫލު ކުރާ ހިތްވާ ވާހަކަ އެވެ. އެކަމަކު އެހެން ގަބޫލު ކުރާން އުނދަގޫވާ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސިޔާސީ ޕާޓީތަކުން ތިޔަ ކޮމިޝަނުގެ ގޮނޑިތައް ވެސް "ބަހާފައި" ހުންނާތީ އެވެ. އެކަމަކު ސިޔާސީ ބައެއް ޕާޓީ ތަކެކޭ އެއް ފަދައިން ހަމަ އެކަނި ބަޔާން ނެރޭ ހިޔުމަން ރައިޓްސް ކޮމިޝަނެއްގެ ބޭނުމެއް މި ގައުމަކަށް އޮތް ކަމަކަށް ހަމަ ގައިމުވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ގާނޫނު އަސާސީން ތިޔަ ކޮމިޝަނުގެ ބޮލުގައި އަޅުވާފައި އޮތް މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާ ކޮށްދެއްވާށެވެ. އެ ކަން ނުކުރެއްވޭ ނަމަ ރައްޔިތުންގެ ޚަޒާނާއިން ތިޔަ ބޭފުޅުންނަށް ކުރާ ހޭދައިގެ ބޭނުމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަމެވެ.

އަދި އެއް ވާހަކަ އެވެ. މި ވާހަކަތައް ބަލައިގަތުން އެއީ ފައިދާ ކުރާނެ ކަމެކެވެ. މީ ރައްޔިތުމީހެއްގެ ވާހަކަ އެވެ. މިވާހަކަތައް ބުނެލެވުމަކީ މިމީހާގެ އިންސާނީ ހައްގެކެވެ. އެކަން ވެސް ގަބޫލު ކުރައްވާށެވެ.