ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް ފުރުމުގެ ނަމުގައި ގަރީން ޒޯނަށް މީހުން ޖަމާކޮށް ގާނޫނާ ޚިލާފް އަމަލުތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ގްރީން ޒޯނުގައި ސިޔާސީ އެއްވެސް ހަރަކާތެއް އަދި އެއްވުމެއް ބޭއްވުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ހަރަކާތެއް ހިންގުމުގެ ފުރުސަތު ފުލުހުން ނުދެއްވާނެ ކަމަށެވެ.

"ގްރީން ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން އެއްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް ފުރުމުގެ ނަމުގައި ގާނޫނާ ޚިލާފް އަމަލުތަކެއް އެ ސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި،" ޝިފާން ވިދާޅުވިއެވެ.

ގާނޫނާ ގަވާއިދާ ޚިލާފަށް ގްރީން ޒޯނުގައި އެއްވެސް ހަރަކާތެއް ހިންގަން ރާވާ ނަމަ އެފަދަ އަމަލެއް ކުރަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް އއ. އުކުޅަހަށް ކޮންގްރެސްގައި ބައިވެރިވާ މީހުން މާލެއިން ފުރުމަށް ތައްޔާރުވެފައި ވަނިކޮށެވެ.