29 Jun 2018, 17:51
ފޯނު ނަމްބަރުތަކުގެ ވެރިފަރާތް ހޯދުމަށާއި ސްޕޭމް ކޯލްތައް ހުއްޓުވުމަށް ބޭނުން ކުރާ އެޕް، ޓްރޫކޯލާގެ ވިންޑޯސް ފޯނުތަކަށް ހާއްސަކޮށްފައިވާ ވާޝަން ހުއްޓާލައިފި އެވެ.
ޓްރޫކޯލާއިން ކުރި ޓުވީޓެއްގައިވާ ގޮތުން ވިންޑޯސް ފޯނު ބޭނުން ކުރާ މީހުންނަށް އެއެޕްގެ ޚިދުމަތްތައް ދެން ބޭނުން ކުރެވޭނީ އެކުންފުނީގެ ވެބްސައިޓު މެދުވެރިކޮށެވެ.
އެނިންމުމާއެކު ޓްރޫކޯލާއިން ވަނީ އެއެޕްގެ އެންޑްރޮއިޑް ވާޝަންއަށް ކުޑަ އަޕްޑޭޓެއްވެސް ގެނެސްފައި އެވެ. އެގޮތުން އާ "ބްލޮކް ސެކްޝަން"އެއް ތައާރަފްކޮށް، ފޯނުން ބްލޮކްކޮށްފައިވާ މީހުންގެ ލިސްޓު ފަސޭހައިން ބެލެހެއްޓޭނެ ގޮތެއް ވަނީ ހަދާފައި އެވެ. ނަމަވެސް އެއަޕްޑޭޓް އަދި އައިއޯއެސް ޑިވައިސްތަކަށް ތައާރަފްކޮށްފައި ނުވެ އެވެ.
އިންޑިއާ އާއި ޗައިނާ ފަދަ އާބާދީ ބޮޑު ގައުމުތަކުގައި މަޝްހޫރު ޓްރޫކޯލާ އެޕް ކޮންމެ ދުވަހަކު ދުނިޔޭގެ 100 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރެ އެވެ.