އަންކަރާ (ޖޫން 29): އިރާނުގެ ތެޔޮ ނުގަތުމަށާއި އީރާނާއެކު ވިޔަރާފީގެ މުއާމަލާތްތައް ނުހިންގުމަށް އެމެރިކާ ދިން އިންޒާރަށް ބޯނުލަނބާނެ ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވުޝްއޯލޫ ވިދާޅުވީ ތުރުކީ ތެޔޮގަންނަންވާ ގައުމުތަކާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގާނެ ގައުމުތައް އެނގޭނީ ތުރުކިއަށް ކަމަށާ އެއީ އެމެރިކާ ބެހެންޖެހޭ ކަމެއްނޫން ކަމުގައެވެ.

ތުރުކީގެ އެންޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޗާވުޝްއޯލޫ ވިދާޅުވީ ބޭރު ގައުމަކުން އަންގާ އެންގުމަށް ތުރުކީން އީރާނުން ތެޔޮ ގަތުން ހުއްޓާނުލާނެ ކަމަށާ އަދި އީރާނާއެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތައްވެސް ހުއްޓާނުލާނެކަމުގައެވެ. މިކަމާ ގުޅިގެން އެމެރިކާ ތުރުކީއާ ދެކޮޅަށް ފިޔަވަޅެއް އަޅާނަމަ ރައްދުގައި ތުރުކީން ކުރާނެ ކަންތައްތަކެއް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުރުކީގެ އިގްތިސާދާބެހޭ ވަޒީރު ނިހާދު ޒިބެކްޖީ ވެސްވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ނިހާދު ވިދާޅުވީ އެމެރިކާ އަންގާ އެންގުމަކަށް ތުރުކީން އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކަނޑާނުލާނެ ކަމުގައެވެ. އީރާނަކީ ތުރުކީގެ އަވަށްޓެރި އިސްލާމީ ގައުމަކަށް ވާއިރު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނު ނިކަމެތިކުރުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ރާވައި ތަންފީޒުކުރާ އެއްވެސްކަމެއްގައި ތުރުކީ ބައިވެރިނުވާނެ ކަމަށް ތުރުކީގެ އިގްތިސާދާބެހޭ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާ ވަނީ އީރާނުގެ ތެޔޮ ގަތުން ހުއްޓާލުމަށާއި އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހުއްޓާލުމަށް ގޮވާލައި، ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފައެވެ. އީރާނުގެ ތެޔޮ ގަތުން ހުއްޓާނުލާނަމަ އަދި އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކުރާނަމަ އެއީ އެމެރިކާގެ ރަހްމަތްތެރި ގައުމަކަށް ވިޔަސް އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން އެ ގައުމަކާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ދީފައެވެ.

އީރާނަކީ އެއްގައުމު މަގުން ތުރުކީއާ ގުޅިފައިވާ އަވަށްޓެރި ގައުމަކަށްވާތީ ތުރުކީ އަށް ބޭނުންވާ ތެލާއި ގުދްރަތީ ގޭހުގެ ބޮޑުބައެއް ގަންނަނީ އީރާނުންނެވެ. މީގެ ބަދަލުގައި ތުރުކީގެ ސިނާއީ އުފެއްދުންތަކުގެ ބޮޑު ބައެއް އީރާނުންވެސް ގަނެއެވެ. މިކަމުގެ ފައިދާ ދެގައުމަށްވެސް ލިބެމުންދެއެވެ.

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ ދިން ނަމަވެސް އީރާނުގެ ނިއުކްލިއާ އެއްބަސްވުން ދެމެހެއްޓުމަށާއި އީރާނާއި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ޔޫރަޕްގެ ގައުމުތަކާ އަދި ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ ޗައިނާ، ރަޝިއާ، ބްރެޒިލް، އިންދިއާ އަދި ދެކުނު އެފްރިކާ ފަދަ ގައުމުތަކުން ނިންމާފައި ވާތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އެމެރިކާ ބޭނުންވާ މިންވަރަށް އީރާނަށް ނުކުރާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގައި މިހާރު އެމެރިކާ އެކެހެރިވާން ފަށާފައިވުމާއި ޔޫރަޕުގައިވެސް އެމެރިކާގެ ބަސް ނުވިކުމާއި ވިޔަފާރީގެ ކަންކަމުގައި އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކާ ދެމެދު ހަނގުރާމައިގެ ހާލަތަކަށް ގޮސްފައިވާތީ އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކުރުމަށްޓަކައި ޑޮލަރު ނޫން ނިޒާމަކުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމާބެހޭގޮތުންވެސް އެގައުމުތަކުން ގެންދަނީ ވިސްނަމުންނެވެ.

(ނޫސްއެޖެންސީތައް)