ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން އައްޑޫގައި އެޅި ފްލެޓްތައް އަންނަ މަހު ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދު "ސަން" އަށް ވިދާޅުވީ އައްޑޫގައި އެޅި ފްލެޓްތައް އަންނަ މަހު 26 ވަނަ ދުވަހުގެ ކުރިން ހަވާލުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

''ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ޖުލައި މަހު 26 ހިސާބުގައި ފްލެޓްތަކުުގައި މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށް،'' ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ އެ ފްލެޓްތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ހިތަދޫ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ އިވެލުއޭޝަން މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި ދެން އޮތީ ލިސްޓް އިއުލާން ކޮށްލުން ކަމަށެވެ.

''އިރާދުކުރެއްވިއްޔާ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ފްލެޓް ލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ޒިޔާދު ވިދާޅުވިއެވެ.

ސަރުކާރުން އައްޑޫ ސިޓީގެ ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް ވަނީ އަޅައިފައެވެ. މިއީ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ.

ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އިން އައްޑޫގައި ފްލެޓްތައް އަޅަން ފެށީ 2015 ވަނަ އަހަރުއެވެ.