ވޯލްޑް ކަޕްގައި ކުޅުނު އީރާނުގެ ފޯވާޑް ސަރުދާރު އަޒްމޫނަށް ގިނަ ބަޔަކު ފާޑު ކިޔުމުގެ ސަބަބުން އޭނާގެ މަންމަ ބަލިވުމާ ގުޅިގެން، ގައުމީ ޓީމުގައި ކުޅުން ހުއްޓާލައިފި ކަމަށް އަޒްމޫން ބުނެފިއެވެ.

"އީރާންގެ މެސީ"ގެ ނަން ދީފައިވާ 23 އަހަރުގެ އަޒްމޫން ވަނީ ވޯލްޑް ކަޕްގައި ކުޅުމުގެ ކުރިން ގައުމީ ޓީމަށް 33 މެޗު ކުޅެ، 23 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި އީރާން ކުޅުނު ތިން މެޗުގައިވެސް 90 މިނިޓަށް ކުޅެފައެވެ.

ނަމަވެސް ސްޕެއިންއާ ވާދަކޮށް ބަލިވެ، ޕޯޗުގަލްއާ އެއްވަރު ވުމަށް ފަހު އީރާން ވަނީ ކަޓާފައެވެ.

އަޒްމޫން ބުނި ގޮތުގައި ވޯލްޑް ކަޕްގައި އޭނާއަށް އަމާޒުވި ފާޑު ކިޔުންތަކުގެ ސަބަބުން، ބައްޔަކަށް ބޭސްކުރަމަށް ފަހު ރަނގަޅު ވަމުން އައި އޭނާގެ މަންމަގެ ހާލު ވަނީ ދެފަވެފައެވެ.

"އަހަންނަށް ޖެހުނީ ކޮންމެވެސް އެއްގޮތެއް ޚިޔާރު ކުރަން، އެހެންވެ އަހަރެން ޚިޔާރު ކުރީ މަންމަ،" ރަޝިއާގެ ރުބިން ކަޒާނަށް ކުޅެމުން އަންނަ އަޒްމޫން ބުންޏެވެ.

އުމުރުން 19 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި އަޒްމޫން ވަނީ އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ސަބަބުން ވަރަށް އަސަރު ކުރާ ކަމަށްވެސް ބުނެފައެވެ.

އަޒްމޫނަކީ އީރާނަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިންގެ ލިސްޓުގައި ފަސް ވަނަ ހޯދާފައިވާ ކުޅުންތެރިއެކެވެ.