އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްއިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 81 ނޫސްވެރިޔަކު މަސައްކަތުގެ މައިދާނުގައި މަރާލާފައިވެއެވެ. އަދި ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ބުނާ ގޮތުގައި މިއަހަރު އެކަނިވެސް 36 ނޫސްވެރިޔަކު މަރާލާފައިވެއެވެ. އިއްޔެ އެމެރިކާގެ މެރިލޭންޑުގެ ނޫހެއް ކަމަށްވާ ކެޕިޓަލް ގެޒެޓަށް ދިން ބަޑީގެ ާއާއެކު އެ އަދަދު ވަނީ 41އަށް އިތުރުވެފައެވެ.

ރޭ އެމެރިކާ ގަޑިން 2:43ގައި ކެޕިޓަލްއަށް ހަމަލާ ދޭން ފެށިކަން ފުރަތަމަ ޓުވީޓުކުރީ އެ ނޫހުގެ އިންޓާންއެއް ކަމަށްވާ އެންތަނީ މެސެންޖާއެވެ.

މެސެންޖާގެ ޓުވީޓުގައި ވަނީ ކެޕިޓަލް ހުންނަ މަގު ފާހަގަކޮށްފައެވެ. އަދި މީހަކު ބަޑި ޖަހަމުންދާ ކަމަށާއި އެހީ ފޯރުކޮށްދިނުމަށް އެދިފައެވެ.

މެރިލޭންޑުގެ ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދިން ހަބަރު ލިބުނުތާ 60 ސިކުންތުވެސް ނުވަނީސް ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ހަމަލާ ދިން މީހާ ހައްޔަރުކޮށްފައެވެ. އޭރު ބަޑިއަކާއި ސްމޯކް ގްރެނޭޑުތަކެއް ހިފައިގެން ހުރި މީހާ ވަނީ ހަތަރު ނޫސްވެރިއަކާއި، އެ އޮފީހުގެ ސޭލްސް އެސިސްޓެންޓަކު މަރާލާފައެވެ.

ނަމަވެސް އެ ހަމަލާ ދިންތާ މާގިނަ އިރުތަކެއް ނުވެ ކެޕިޓަލްގެ ނޫސްވެރިން ވަނީ އެ ހަމަލާއާ ބެހޭ މައުލޫމާތު އާންމުންނާ ހިއްސާކުރަން ފަށާފައެވެ. އަދި އެފަދަ ހަމަލާއެއް ދިން ނަމަވެސް، ނޫސް ހުއްޓުމަކަށް ނާންނާނެކަމަށް ބުނެފައެވެ.

ކެޕިޓަލްގެ ރިޕޯޓަރެއް ކަމަށްވާ ފިލް ޑޭވިސް، އެހަމަލާ ދިން ވަގުތު އޮފީސްތެރެ އޮތް ގޮތް ސިފަކޮށްފައި ވަނީ "ހަނގުރާމައިގެ މައިދާނެއް"ގެ ގޮތުގައެވެ. އަދި ހަތިޔާރު އަޅައިގެން ހުރި މީހަކު، "އެހެން މީހުންގެ ގަޔަށް ބަޑި ޖެހުމަށް ފަހު، ބަޑިއަށް އަނެއްކާވެސް ވަޒަން އަޅާ އަޑަކީ އެންމެ ބިރުވެރި އަޑު'ގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި ރިޕޯޓާ ޑެނިއެލް އޯލް ބުނި ގޮތުގައި ކެޕިޓަލްގެ އޮފީހަކީ ގާތްގަނޑަކަށް 20 މުވައްޒަފުން ހިމެނޭ، އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރާ ކުޑަ ތަނެކެވެ. އެހެންކަމުން، އެ އާއިލާގެ މެމްބަރުންތަކެއް މަރާލުމުން އޭނާ ވަނީ ވަރަށް ބޮޑަށް މޮޅިވެރިވެފައިއެވެ.

މީގެ އިތުރުން، ފޮޓޯޖާނަލިސްޓެއް ކަމަށްވާ ޕޯލް ގިލެސްޕައި ވަނީ އެހަމަލާގައި އޭނާއަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް، ނަފްސާނީ ގޮތުން ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފައެވެ. އެ ނޫހުގެ އިތުރު ރިޕޯޓަރެއް ކަމަށްވާ ޗޭސް ކުކް ވަނީ އެބިރުވެރި އަދި ހިތާމަވެރި ދަނޑިވަޅުގައިވެސް، ހުރިހާ މުވައްޒަފުން ތިބީ ހުށިޔާރުވެކަން އެންގުމުގެ ގޮތުން ޓުވީޓެއްކޮށްފައެވެ.

"އަހަރެން ބުނެލަން އޮތް އެއްޗަކީ މިއީ، މާދަމާ ވެސް ކެޕިޓަލް ނެރޭނަން،" ރޭގެ ވަގުތެއްގައި ކުރި ޓުވީޓުގައި ކުކް ބުންޏެވެ.

ކެޕިޓަލް ގެޒެޓުގެ ރިޕޯޓަރު ޗޭސް ކުކް (ކ) އާއި ފޮޓޯގްރާފަރު ޖޯޝުއާ މެކްކެރޯ، އެއޮފީހުގެ ބޭރުގައި މިއަދު މަސައްކަތް ކުރަނީ -- ފޮޓޯ: އޭއެފްޕީ

ކެޕިޓަލްއަށް އެ ހަމަލާ ދީފައިވަނީ އެމެރިކާގެ ގިނަ ނޫސްތަކަށް "ފޭކު ހަބަރު" ފަތުރާ ބަޔެއްގެ ލަގަބުދީ، އެ ގައުމުގެ ސަރުކާރުންވެސް ތަކުރާރުކޮށް ނޫސްވެރިންނަށް ފާޑު ކިޔަމުންދާ ދުވަސްވަރެއްގައެވެ. އޭގެ ސަބަބުން ކެޕިޓަލްގެ އެޑިޓަރެއް ކަމަށްވާ ޖިމީ ޑިބަޓްސް ވަނީ މިއީ ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ރަނގަޅު ވަގުތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ނޫހުގެ މުވައްޒަފުންނަކީ "ބޮޑު މުސާރައެއް ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، މުޖުތަމައުގެ ވާހަކަތައް ގެނެސްދޭން ބޭނުންވާތީ، އެކަމަށް އޮންނަ ލޯތްބެއްގެ ސަބަބުން" މަސައްކަތް ކުރާ ބަޔެއް ކަމަށް ވިދާޅުވެފައެވެ.

ކެޕިޓަލްގެ ނޫސްވެރިން ބުނެފައިވާ ގޮތަށް،މިއަދުއެނޫސް ވަނީ ނެރެފައެވެ. އަދި ފުރަތަމަ ސަފުހާގައި ވަނީ އެހަމަލާގެ އެންމެ ފަހުގެ ހަބަރު ގެނެސްދީފައެވެ.