29 Jun 2018, 13:10
އެނާޕޮލިސް (ޖޫން 29): އެމެރިކާގެ މެރިލޭންޑު ސްޓޭޓުގެ ނޫހެއް ކަމަށްވާ ކެޕިޓަލް ގެޒެޓުގެ އިމާރާތަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ވަދެ، ބަޑިން ހަމަލާދީ ފަސް މީހަކު މަރާލައިފިއެވެ.
ކެޕިޓަލް ގެޒެޓުގެ މުވައްޒަފުން ބުނި ގޮތުގައި ބަޑިއަކާއި ސްމޯކް ގްރެނޭޑުތަކެއް ހިފައިގެން ހުރި މީހަކު އެ އިދާރާގެ ނިއުސްރޫމަށް ވަދެފައި ވަނީ ބިއްލޫރި ދޮރެއް ތަޅާލުމަށްފަހުއެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ނޫސްވެރިންނާއި ސޭލްސް އެސިސްޓެންޓަކު ހިމެނެއެވެ.
އެމެރިކާގެ މީޑިއާތަކުން ވަނީ އެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވެނީ ޖެރޮޑް ރާމޯސް ކިޔާ މީހެއް ކަމަށާއި އޭނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. ރާމޯސް ވަނީ އެ ނޫހުން އޭނާގެ އަބުރަށް އަރައިގަތް ކަމަށް ބުނެ 2012 ވަނަ އަހަރު އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން އެ މައްސަލަ ނިންމީ ރާމޯސްއާ ދެކޮޅަށެވެ.
އެމައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެނޫހަށް ދީފައިވާ އިންޒާރުތައް ބަލަމުންދާކަމަށް ބުނެފައެވެ. އަދި އެއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ޑެޕިއުޓީ ޕޮލިސް ޗީފް ވިލިއަމް ކްރަމްޕް ވިދާޅުވި ގޮތުގައި ހަމަލާ ދިން މީހާ ވަނީ ނޫސް އިދާރާއަށް ބަޑި ހިފައިގެން ވަދެ، ހަމަލާ ދޭނެ ބަޔަކު ހޯދަން އިމާރާތުގެ ގްރައުންޑް ފްލޯގައި ހިނގާފައިއެވެ.
އަދި އިތުރު ފުލުހަކު ސީއެންއެންއަށް މައުލޫމާތު ދެއްވި ގޮތުގައި ފުލުހުން ވަނީ ހަމަލާގެ މައުލޫމާތު ދިންތާ 60 ސިކުންތު ތެރޭ އެސަރަހައްދަށް ގޮސްފައެވެ. އޭރު ހަމަލާ ދިން މީހާ އޮތީ މޭޒެއް ދަށަށް ވަދެ ފިލައި ކަމަށާއި އޭނާ ހައްޔަރު ކުރި ވަގުތު ފުލުހުންނާ ހަމަލާ ބަދަލުނުކުރާ ކަމަށް ވިދާޅުވިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ވަނީ "އެއްވެސް ކުށެއް ނެތް" ނޫސްވެރިންނަށް ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައެވެ.
(ބީބީސީ)