29 Jun 2018, 14:34
ހއ. އިންނަފިނޮޅު ފަރަށް އެެރި އީރާނުގެ ބޯޓުގައި އޮތް ކަމަށް ބެލެވޭ ދަލެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް އުލިގަމު ކައުންސިލުން މިއަދު ބުނެފި އެވެ.
އުލިގަމު ކައުންސިލް މެމްބަރު އިމާދު އަބްދުﷲ "ސަން"އަށް ވިދާޅުވީ ދަލުގެ ތެރެއިން މަސްތުވާތަކެތި ފެނުނީ އެ ރަށުގެ ބަޔަކު ދޯންޏެއްގައި ކަނޑުމައްޗަށް މިއަދު ނުކުމެ އުޅެނިކޮށް ކަމަށާއި ކަނޑުމަތިން ފެނުނު އެ ދަލަކީ އީރާނުގެ ބޯޓުގެ އެއްޗެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ފަރަށް އުރުނު މި ބޯޓުން މީގެ ކުރިންވެސް ގިން އަދަދެއްގެ މަސްތުވާތަކެތި ފެނިފއިވެއެވެ. މިހާތަނަށް މި ބޯޓުން 115 ކިލޯގުރާމްގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޖުމްލަ 115 ކިލޯގްރާމުގެ މަސްތުވާތަކެތި ފެނިފައިވަނީ އެކި ރަށްރަށް ލައްގާފައި ހުއްޓައެވެ. އެގޮތުން ހއ. މޮޅަދޫއިން މިމަހުގެ އެއްވަނަ ދުވަހު 300 ގްރާމް މަސްތުވާ އެއްޗިއްސާއި ޖެހިގެން އައި ދުވަހު ހއ. އިހަވަންދޫއިން 380 ގްރާމްގެ މަސްތުވާ އެއްޗެހިވެސް ފެނިފައިވާ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނެފައި ވަނީ އީރާނުގެ ބޯޓުން ފެނުނު މަސްތުވާތަކެއްޗަކީ ރާއްޖެއަށް ޚާއްސަ ކޮށްގެން އެތެރެކުރި އެއްޗެހިތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ބޯޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.