ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި އެންމެ ޓެލެފޯން ފިކްސްޑް ލައިނެއް ބަހައްޓައި ބޭކާރު ފޯނު ލައިންތައް ކަނޑާލާން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރު ފާތިމަތު ރަޒީނާ ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި ބޭނުންކުރާ ޓެލެފޯން ފިކްސްޑް ލައިންތަކުގެ ތެރެއިން، ކޮންމެ ތަނެއްގައި ވެސް އެއް ލައިން ބެހެއްޓުމަށް ފަހު، ދެން ހުރިހާ ފިކްސްޑް ލައިންތައް ކަނޑާލަން ރައީސް އޮފީހުން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި ފައިނޭންޝަލް ކޮންޓްރޯލަރު ވަނީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި އެންމެ ޓެލެފޯން ފިކްސްޑް ލައިނެއް ބެހެއްޓުމާއި އެހެން ފިކްސްޑް ލައިނުތަކާއި ފެކްސް ލައިންތައް ކަނޑާލުމުގެ ކަންކަން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ދިރާގާ ގުޅިގެން ކުރުމަށް އަންގަވައިފައެވެ.

އެ މަސައްކަތް ކޮށް މި މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ވެސް އެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.