ކުއަލަލަމްޕޫރު (ޖޫން 29): ސައުދީ އަރަބިއާގައި ތިބި މެލޭޝިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން ނިންމާފައިވާ ކަމަށް މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ސާބޫ ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ގައުމީ ނޫސް އޭޖެންސީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސާބޫ ވިދާޅުވި ގޮތުގައި އެގައުމުގެ ސިފައިން ސައުދީގައި ބޭތިއްބުމުން، މެލޭޝިއާވެސް ސަރަހައްދީ ހަމަނުޖެހުމެއްގެ ތެރެއަށް ވަދެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެގައުމަކީ ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ދެމުންދާ ހަމަލާތަކުގަ ބައިވެރިވާ ގައުމެއް ނޫންކަންވެސް ސާބޫ ފާހަގަ ކުރެއްވިއެވެ.

"މެލޭޝިއާއިން އަބަދުވެސް އޮންނަނީ ވަކި ފަރާތަކަށް ނުޖެހި. މިގައުމުން އެއްވެސް އިރެއްގައި ހަރުކަށި ހާރިޖީ ސިޔާސަތުތަކެއް ނުގެންގުޅޭ،" ސާބޫ ވިދާޅުވިއެވެ.

ސައުދީ އަރަބިއާގައި މިހާރު ތިބި މެލޭޝިއާ ސިފައިންގެ އަދަދު އެގައުމުން ހާމަ ނުކުރެ އެވެ. ނަމަވެސް ދެހާސްފަނަރަ ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ، ޔަމަނުގައި ތިބި މެލޭޝިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގައި އެހީވުމަށްޓަކައި އެގައުމުގެ ސިފައިންތަކެއް ސައުދީއަށް ފޮނުވާފައިއެވެ.

ސާބޫ ވިދާޅުވި ގޮތުގައި މެލޭޝިއާގެ ފޮރިން މިނިސްޓްރީއާ ވާހަކަ ދެއްކުމަށް ފަހު، އެގައުމުގެ ސިފައިން އަނބުރާ ގައުމަށް ގެންދާނެ ދުވަހެއް ވަރަށް އަވަހަށް ކަނޑައަޅާނެއެވެ.

ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަ ކުރުމަށްޓަކައި ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ 2015 ވަނަ އަހަރު ޔަމަނަށް ހަމަލާ ދޭން ފަށާފައެވެ.

ނަމަވެސް އެ ކޯލިޝަނުގައި މީގެ ކުރިން ހިމެނުނު ގިނަ ގައުމުތަކުން މިހާރު ވަނީ ކޯލިޝަނުން ވަކިވެފައެވެ. އަދި ޔަމަނަށް މިހާރު ހަމަލާ ދެމުންދަނީ ސައުދީ އަރަބިއާއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ގުޅިގެންނެވެ.

އދ.އިން މިހަފްތާގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރު ޔަމަނުން މަރުވި ކުޑަކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުޑަކުދިން މަރުވީ ސައުދީ ކޯލިޝަނުން ދިން ހަމަލާތަކުގެ ސަބަބުންނެވެ.

(އަލްޖަޒީރާ)