މިދިޔަ ހުކުރު ދުވަހު ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ދަތުރު ގޮސް އުޅެނިކޮށް ގެނބިގެން އޭގެ ތެރެއިން ހަތަރު ދަރިވަރުން މަރުވެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވި ހާދިސާ ހިނގި ކ. ހުރާ ޔޫތު ކޭންޕަކީ ދަތުރު ދިއުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ނިންމައި ހުރާ ޔޫތު ކޭމްޕާއި އެ ކެމްޕާ ގުޅިފައިވާ މޫދުގެ ސަރަހައްދު ރަށުކައުންސިލުގެ ބާރުގެ ދަށަށް ގެންގޮސް ކޭމްޕް ބަންދުކޮށްފި އެވެ.

ހުރާ ކައުންސިލްގެ ނައިބު ރައީސް އީސާ އަހުމަދު މިއަދު ވިދާޅުވީ ސްކޫލްތަކާއި އެކިއެކި އަމިއްލަ ފަރާތްތަކުގެ ދަތުރުތައް ދިއުމުގައި އަބަދުވެސް "ބިޒީ"ވެފައި އޮންނަ ހުރާގެ ކޭމްޕް ސަރަހައްދަކީ ދަތުރު ގޮސް އުޅޭ މީހުންނަށް ސަލާމަތީގޮތުން ރަނގަޅު ތަނެއް ނޫން ކަމަށް އެ ކައުންސިލުން ނިންމީ ފަސް މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ކައުންސިލުގެ ބާރުގެ ދަށަށް ކޭމްޕް ގެންގޮސް އެތަން މިއަދުން ފެށިގެން ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިއުމަން ރިސޯސަސް މިނިސްޓްރީގެ ބެލެނިވެރި ކަމުގައި އޮތް ހުރާ ކޭމްޕާ ބެހޭ ގޮތުން ކައުންސިލުން ނިންމާފައި ވަނީ އެ ކޭމްޕް ދެން ހުޅުވަންޖެހޭނީ ސަލާމަތީ ގޮތުން ހުންނަންޖެހޭ ވަސީލަތްތައް ގާއިމުކޮށް ކަމާބެހޭ އިދާރާތަކުން އެތަން ބަލާ މޮނިޓާ ކުރުމަށްފަހު އެއީ ދަތުރު ދިއުމަށް އެކަށީގެންވާ ތަނެއް ކަމުގެ ލިޔުން ދިނުމުން ކަމަށެވެ.

"ސްކޫލްތަކަށް އެތަން ދެން ހުޅުވައިލަން ޖެހޭނީ ލައިފް ގާޑާއި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، ކަމާބެހޭ ފަރާތްތަކުން ބަލައި އެކަންކަން ހުރި ގޮތް ޗެކް ކުރުމަށްފަހު، އެހެން ނޫނީ ކޭމްޕްގައި ދެން އެއްވެސް ހަރަކާތެއް ނުހިންގޭނެ،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ޔޫތު މިނިސްޓްރީ އަދި މިހާރުގެ ހިއުމަން ރިސޯސް، ޔޫތު އެންޑް ސްޕޯޓްސްގެ ބެލުމުގެ ދަށުން ހިނގަމުންދާތާ 12 ވަރަކަށް އަހަރުވެފައިވާ ޔޫތު ކޭންޕު، ކައުންސިލުން ނިންމާފައިވާ ފެންވަރަށް ގެނެސް އަލުން ހުޅުވިޔަސް ބަޔަކަށް ދަތުރު ދެވޭނީ ހުރާ ކައުންސިލަށް އެންގުމަށް ފަހު ކަމަށެވެ. އެ ގޮތުން ލިޔުމަކުން ކައުންސިލް އިދާރާއަށް އަންގައިގެން ނޫނީ އެތަނަށް ބަޔަކަށް ނުދެވޭނެ ކަމަށް ގަރާރުގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް އީސާ ވިދާޅުވި އެވެ.

ހުރާ ކައުންސިލުން މި ގަރާރު ފާސް ކުރި ނަމަވެސް ކައުންސިލްތައް އުފެދުމާއެކު ހުރާ ކައުންސިލްގެ މިލްކިއްޔާތުގެ ދަށަށް އަންނަން ޖެހޭ ތަނެއް ގޮތުގައި އޮތް ހުރާ ޔޫތު ކޭމްޕް މިހާތަނަށް ވެސް އޮތީ ކައުންސިލާ ހަވާލު ނުކޮށެވެ.

"ޔޫތު ކޭންޕް ސަރަހައްދު ކައުންސިލާ ހަވާލު ކުރުމަށް ޔޫތު މިނިސްޓްރީއާ މީގެ ކުރިން މަޝްވަރާކޮށްފައިވާނެ،" އީސަ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ހުރާ ކޭމްޕުގައި ހިތާމަވެރި ހާދިސާއެއް ހިނގި ދަތުރުގައި ހިރިޔާ ސްކޫލްގެ ދަރިވަރުން އެ ކޭމްޕަށް ދިޔައީ އޭގެ އެއް ދުވަސް ކުރިން ހުރާ ޕްރި ސްކޫލްގެ ކުދިން ކޭމްޕަށް ދާން އެދުމުން ކައުންސިލުން ކޭމްޕް ބަލައި ފާސްކުރިއިރު އެއީ ދަތުރު ދާން އެކަށީގެން ނުވާ ތަނެއް ކަމަށް ފެނިގެން އެ ދަތުރު ކެންސަލް ކޮށްފައިވަނިކޮށް ކަމަށެވެ.