ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވާން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރިޔާސީ ރޭހުގައި ވާދަ ނުކުރެއްވުމަށް ނިންމެވި ނިންމެވުން ރައީސް ނަޝީދު މިއަދު ހެނދުނު ވަނީ އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ހިއްސާކުރައްވާފައެވެ. އަދި މިއަދު އެމަނިކުފާނު ވަނީ ޓްވިޓާ މެދުވެރިކޮށް މި ނިންމެވުން އާންމުވެސް ކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެތީ އެކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

އަދި ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ގަސްދުކުރައްވަނީ މާދަމާ އއ. އުކުޅަހުގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ކަމަށްވެސް ރައީސް ނަޝީޑު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން އޭނާ ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވީ މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށްފަހުއެވެ.

އެހެން ނަމަވެސް އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން އެމަނިކުފާނުގެ ކިބައިގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތެއް ވަނީ އުނިވެފައެވެ.

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބޭރުގެ ރައްޔިތުކަން އޮތް ފަރާތެއް ނަމަ ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ ބޭރުގެ ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅާ އިސްލާހެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެ ބިލު ދިރާސާކުރި އިރު، ބޭރު ގައުމެއްގެ ހިމާޔަތް ހޯދައިގެން އުޅޭ މީހަކަށްވެސް އިންތިޚާބުގައި ވާދަކުރެވޭނީ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ބުނާ އިސްލާހެއް ގެނެސް އެ ބިލު ކޮމިޓީން ފާސްކޮށްފައެވެ.