މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިގެން ދިޔައީ އެންމެންވެސް ބޭނުންވި ފަދަ ޝައުގުވެރި ގޮތަކަށެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޗެމްޕިއަން ޖަރުމަން ކަޓައިގެން ދިޔައެވެ. ވިދާލާނެ ކަމަށް ބެލެވުނު ބައެއް ތަރިން ވިދާލާފައެއް ނުވެއެވެ. ވިދާލި ކުޅުންތެރިންގެ ތެރޭގައި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހުނު ޓީމުތަކުގެ ކުޅުންތެރިން ވެސް ހިމެނެއެވެ.

ވޯލްޑް ކަޕްގައި އެންމެ ހިތްވަރު ކުރި އެއް ޓީމަކަށް ވަރުގަދަ ސްޕެއިންއާއި ޕޯޗުގަލްއާއެކު ގްރޫޕް ބީގައި ހިމެނުނު އީރާން ވެގެންދާނެއެވެ. ސްޕެއިން ހިފެހެއްޓުމަށް އީރާންގެ ފަރާތުން ވަރުގަދަ ޑިފެންސިވް ގޭމެއް ފެނިގެންދިޔައެވެ. ސްޕެއިންއާއި ޕޯޗުގަލަށް އުނދަގޫތައް ކުރިމަތި ކުރުވުމަށް އީރާނުގެ މުޅި ޓީމުގެ ގުޅުން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔަ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި އީރާންގެ އުމުރުން 25 އަހަރުގެ އަލީރިޒާ ބީރާންފާންދް ހިމެނެއެވެ. ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު އީރާނަށް ވެގެންދިޔައީ ވަރަށް ކާމިޔާބު މެޗަކަށެވެ. ކީޕަރު ބީރާންފާންދްގެ ފަރާތުން މޮޅު ކުޅުމާއެކު މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން އީރާން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗަށްފަހު އީރާނުން ކުރިމަތިލީ އެޓީމުގެ އެންމެ އުނދަގޫ މެޗާއެވެ. ގްރޫޕްގެ ދެވަނަ މެޗުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އީރާންގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ކުޅުންތެރިން އެކުލެވޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބީރާންފާންދްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ވޯލްޑް ކަޕް 2018ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޯޅަ ހޯދުމަށް އީރާންގެ ކީޕަރު ބީރާންފާންދް މަސައްކަތްކުރަނީ --- ފޮޓޯ/ އޭޕީ

ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އީރާންގެ ކީޕަރު ބީރާންފާންދް ވަރަށް ބުރަކޮށް ފެނިގެންދިޔަ އިރު، އީރާނުގެ ގޯލަށް ސްޕެއިނުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް އޭނާ ވަނީ ދިފާއުކޮށްފައެވެ. އޭނާގެ ކޮޅަށް ވޯލްޑް ކަޕުގައި ވަން ފުރަތަމަ ލަނޑަކީ ސްޕެއިންގެ ހުނަރުވެރި ފޯވަޑް ޑިއޭގޯ ކޮސްޓާ ޖެހި ލަނޑެވެ. މެޗެއްގައި ސްޕެއިނުން އެންމެ އުނދަގުލުން ޖެހި ލަނޑުތަކުގެ ތެރޭގައި އެ ލަނޑު ހިމެނޭނެއެވެ.

އީރާނުގެ ފަހު މެޗުގައި އެޓީމުން ކުރިމަތިލާން ޖެހުނީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ޕޯޗުގަލްއާ ދެކޮޅަށެވެ. އީރާނުން ލަނޑުޖަހާނެ ފުރުސަތުތަކެއް ހޯދި އެ މެޗުގައި ވެސް ކީޕަރު ބީރާންފާންދްގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔައެވެ.

ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލުން ލީޑު ހޯދީ ރިކާޑޯ ކަރެޝްމާ ޖެހި ލަނޑުންނެވެ. ކަރެޝްމާގެ ހަމަލާ ދިފާއުކުރުމަށް ބީރާންފާންދް މަސައްކަތްކުރި ނަމަވެސް، ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ. މެޗުގައި ރޮނާލްޑޯ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ހުރަހަކަށް ވެގެންދިޔައީ ކީޕަރު ބީރާންފާންދްއެވެ.

ބީރާންފާންދްގެ މޮޅު ކުޅުމުގެ އިތުރުން އޭނާ އެންމެ ބޮޑަށް ވިދާލީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯގެ ޕެނަލްޓީ ދިފާއުކުރުމުންނެވެ. އެ މެޗުގައި އީރާނަށް ހިތްވަރު ލިބި، މޮޅެއް ހޯދުމަށް ފުރުސަތުތައް ތަނަވަސްކުރެވުނީ ވެސް ބީރާންފާންދްގެ ސަބަބުންނެވެ. އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޕޯޗުގަލްގެ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ، ބީރާންފާންދް ދިފާއުކުރުމާއެކު ރޮނާލްޑޯއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެގެންދިޔަ އިރު، ބީރާންފާންދްއަށް ތައުރީފުގެ މެސެޖުތައް ލިބިގެންދިޔައެވެ. އެ މެސެޖުތަކުގެ ތެރޭގައި މި ވޯލްޑް ކަޕްގައި އެންމެ މޮޅު ކީޕަރަކީ ބީރާންފާންދް ކަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު ފާހަގަކުރަމުންދިޔައެވެ.

ތައުރީފުގެ މެސެޖުތަކާއެކު ގިނަ ބަޔަކަށް ކީޕަރު ބީރާންފާންދްގެ ހަޔާތުގެ ވާހަކަތައް ވެސް އެނގިގެންދިޔައެވެ. އެއާއެކު ވޯލްޑް ކަޕް އަދި ފުޓްބޯޅައިގެ ލޯތްބަށްޓަކައި އޭނާ ކުރި ހަނގުރާމައިގެ ވާހަކަ ވައިރަލް ވެގެންދިޔައެވެ.

ވޯލްޑް ކަޕަށް ބީރާންފާންދް ކުރި ހިތްވަރުގަދަ ދަތުރު!

އާއިލާއަށް އެހީތެރިވުމުގެ ގޮތުން ވަރަށް ހަގު އުމުރުގައި ބީރާންފާންދް، އާއިލާއަށް އެހީތެރިވުމުގެ ގޮތުން ވަޒީފާއަށް ދާން މަޖުބޫރުވިއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރީ އާއިލާގެ ބަކަރި ކޮށީގައެވެ. އޭގެ އިތުރުން ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ބީރާންފާންދްއަށް ކުރަން ޖެހުނެވެ.

މަސައްކަތަށްފަހު ލިބޭ ހުސް ވަގުތުތަކުގައި ބީރާންފާންދް، ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެން ދެއެވެ. ބަކަރި ކޮށީގައި މަސައްކަތް ކުރުމަށްފަހު ބީރާންފާންދް ވަނީ ހެދުން ފަހާ ފެކްޓަރީއަކާއި، ކާރު ދޮންނަ ގަރާޖެއްގައި މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން މަގުތަކާއި ޕާކްތައް ސާފުކުރުމުގެ މަސައްކަތް ވެސް އޭނާ ކޮށްފައިވެއެވެ.

އެ މަސައްކަތްތައް ބީރާންފާންދް ކުރަމުންދިޔައީ ފުޓްބޯޅައަށް ހުންނަ ލޯތްބެއްގެ ސަބަބުން ކްލަބުތަކުގެ ޓްރޭނިންތަކުގައި ބައިވެރިވަމުންނެވެ. އޭރު ވެސް އޭނާގެ އަޒުމަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ވުމެވެ.

އުމުރުން 12 އަހަރުގައި ބީރާންފާންދް ފުރަތަމަ ކުޅުނީ ފޯވަޑެއްގެ ގޮތުގައެވެ. ނަމަވެސް އެއް ދުވަހަކު ބީރާންފާންދް ކުޅެމުންދިޔަ ޓީމުގެ ކީޕަރަށް އަނިޔާވުމުން އޭނާއަށް އެ މަގާމަށް ކުޅެން ޖެހުނެވެ. ގޯލްކީޕަރަކަށް ވުމުގެ ޝައުގުވެރިކަން އުފެދުނީ އެ މަގާމުގައި ހުރެ، އޭނާއަށް އެ ދުވަހު ދެއްކުނު މޮޅު ކުޅުމުގެ ސަބަބުންނެވެ.

ވޯލްޑް ކަޕް 2018ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޯޅަ ހޯދުމަށް އީރާންގެ ކީޕަރު ބީރާންފާންދް މަސައްކަތްކުރަނީ --- ފޮޓޯ/ އޭޕީ

އެ ދުވަހުން ފެށިގެން ވެސް ބީރާންފާންދްއަށް އުޅެން ޖެހުނީ ވަރަށް އުނދަގުލުގައެވެ. ފުޓްބޯޅަ ކުޅެމުން އާއިލާގެ ހަރަދު ނުބެލެހެއްޓޭނެ ކަމަށް ބުނެ ބީރާންފާންދްގެ ބައްޕަ، ޖާޒީތަކާއި ކީޕަރު އަންގި ވެސް ހަލާކުކޮށްލިއެވެ. ކްލަބުތަކަށް ކުޅެމުން ނިދަން ޖެހުނީ ވެސް ވަރަށް ހާލުގައެވެ. ގިނަ ދުވަސް ދުވަހު އޭނާއަށް ހަމަ ނިދި ވެސް ނުލިބެއެވެ. އޭރު ބީރާންފާންދް ނިދަނީ ކްލަބު އޮފީހުގެ ދޮރުމަތީގައި ނުވަތަ މަސައްކަތްކުރާ ތަނެއްގެ ތެރޭގައެވެ.

އީރާނުގެ ޗެމްޕިއަން ޕާސެޕޮލިސް ފުޓްބޯލް ކްލަބަށް ކުޅެމުންދާ ކީޕަރު ބީރާންފާންދްއަށް ގައުމީ ޓީމުން ޖާގަ ލިބުނީ 2015 ވަނަ އަހަރުއެވެ. އީރާންގެ އެއް ނަމްބަރު ކީޕަރަށް ބީރާންފާންދް ވެގެންދިޔައީ ވޯލްޑް ކަޕް 2018ގެ ކޮލިފައިންގެ ފަހު ބުރުން ފެށިގެންނެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ވެސް ބީރާންފާންދްގެ ދައުރު ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕްގެ ވަރުގަދަ ގްރޫޕެއްގައި އީރާން ހިމެނުނު ނަމަވެސް، ބީރާންފާންދްއާއެކު އެ ޓީމު އެނބުރި ގައުމަށް ދިޔައީ ހިނިތުންވުމަކާއެކުއެވެ. އީރާނުން ގްރޫޕުގެ ތިންވަނައިގައި ނިންމާލީ ހަތަރު ޕޮއިންޓާއެކުއެވެ.