ބްރެޒިލުންވެސް މިހާތަނަށް ވޯލްޑް ކަޕްގެ ފައިނަލް ކުޅެފައި ވަނީ ހަތް ފަހަރުއެވެ. އެޓީމުން ފަސް ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައިވާ އިރު، ޖަރުމަނުން ވަނީ އަށް ފަހަރު ފައިނަލް ކުޅެ ހަތަރު ފަަހަރު ތަށި ނަގައިފައެވެ. ފީފާ ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ޓީމު ނޫން ނަމަވެސް، މިދިޔަ 20 ވަރަކަށް އަހަރު ދުވަހު ތެރޭގައި ޖަރުމަނަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ގައުމެވެ.

ޖަރުމަނަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ވަރުގަދަ ބާރެވެ. ހާއްސަކޮށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން އެ ޓީމު އަންނަނީ އަބަދުވެސް ސެމީ ފައިނަލް ކުޅެމުންނެވެ.

ކޮރެއާއާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެ ބްރެޒިލް އަތުން ޖަރުމަނު ބަލިވި އިރު، އޭގެ ފަހުން 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ޖަރުމަނު ނިންމާލީ ތިން ވަނަ ޓީމުގެ ގޮތުގައެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ޖަރުމަން ވިދާލި އިރު، އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ ދުނިޔޭގެ ފުޓުބޯޅައިގެ "ކިންގުން"ގެ ގޮތުގައި ލޭބަލް ވެފައިވާ ބްރެޒިލް، ސެމީ ފައިނަލްގައި 7-1ގެ ނަތީޖާއަކުން ބަލިކުރުމެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައި ނުކުތް ޖަރުމަނަށް ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހުނީ އެންމެ މޮޅަކާއެކުގައެވެ. ސައުތު ކޮރެއާއާއި މެކްސިކޯ އަތުންވެސް ބަލިވެގެންނެވެ. 1938 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި ފުރަތަމަ ފަހަރެވެ.

ޖަރުމަނަށް 2018 ވެފައިވަނީ ނާކާމިޔާބު އަހަރަކަށް

ޖަރުމަނުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާ ގުޅިގެން ކުޅުންތެރިން އެކަމުގެ މާޔޫސްކަމުގައި --- ފޮޓޯ/ އޭޕީ

ޖަރުމަނަކީ ބަލިވުމާ އެހާ ރައްޓެހި ޓީމެއް ނޫނެވެ. ހާއްސަކޮށް ބޮޑެތި މުބާރާތްތަކުގައި އެ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމެކެވެ. މިދިޔަ އަހަރު ރަޝިއާގައި އޮތް ކޮންފެޑެރޭޝަންސް ކަޕަށް ޖަރުމަނު ދިޔައީ އެޓީމުގެ ރިޒާވް ސްކޮޑަކާއެކު ކަމަށް ބުނެވިދާނެއެވެ. އެހެން ނަމަވެސް އެއީވެސް ތަރިންގެ ޓީމެކެވެ. އެޓީމުންވެސް އެނބުރި ގައުމަށް ދިޔައީ މުބާރާތް ކާމިޔާބުކޮށްގެންނެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަރުމަނުން 23 މެޗުގެ ބަލިނުވުމުގެ ސިލްސިލާއެއް ދަމަހައްޓަމުން އައި އިރު، އެ ސިލްސިލާ ނިމުނީ މި އަހަރު މާޗު މަހުގައެވެ. ބްރެޒިލާ ދެކޮޅަށް މާޗު މަހު 17 ވަނަ ދުވަހު ޖަރުމަނުން ކުޅުނު އެކުވެރިކަމުގެ މެޗުން 1-0ގެ ނަތީޖާއަކުން ޖަރުމަނު ބަލިވެފައިވާ އިރު، ވޯލްޑް ކަޕްގެ ކުރިން ޖޫން މަހު އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ޓީމެއްގެ ކޮންފިޑެންސް ހޯދުމަށް، ބޮޑު މުބާރާތެއްގެ ކުރިން ކުޅޭ ވޯމް އަޕް މެޗުތައް މުހިންމު ވާ އިރު، ވޯލްޑް ކަޕްގެ ކުރިން ޖަރުމަނަށް އެ މެޗުތައްވެސް ދިޔައީ ހިތިކޮށެވެ. މޮޅުވީ ހަމައެކަނި ސައުދީ އަރަބިއާ އަތުންނެވެ. އެ މެޗުންވެސް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

"ޖަރުމަނަށް ރަނގަޅު މެޗެއް ނުކުޅެވޭތާ ދުވަސްތަކެއް ވެއްޖެ. އަހަރެން ހަނދާން ވަނީ މިދިޔަ އަހަރު ފަހު ކޮޅަށްފަހު ރަނގަޅު މެޗެއް ނުކުޅެވޭ ހަނދާން. މި ޓީމަކީ ދުނިޔޭގެ ޗެމްޕިއަނުންނެއް ނޫން،" ގްރޫޕް ސްޓޭޖުން ކެޓުމާ ގުޅިގެން ޖަރުމަނުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، މެޓްސް ހަމެލްސް ބުންޏެވެ.

ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައި ޖަރުމަނުން ވޯލްޑް ކަޕަށް ނުކުތް ނަމަވެސް އެޓީމަށް އެ ކުޅުމެއް ނުދެއްކުނެވެ. އެކަމުގައި ޖަރުމަނު ވޯލްޑް ކަޕްގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތައް ޝާމިލުވެއެވެ. ހާއްސަކޮށް ޖަރުމަނުން ވޯލްޑް ކަޕްގެ ވޯމް އަޕް މެޗުތަކުންވެސް ޓީމުގެ ހާލަތު އެނގިގެން ދިޔައެވެ.

ލީޑަރުންތަކެއް ޓީމާ ވަކިވުން - ޓީމެއްގެ ވިސްނުން ނެތުން

ވޯލްޑް ކަޕް 2014ގެ ޗެމްޕިއަން ޖަރުމަން ---

ވަކި ކުޅުންތެރިއެއްގެ ހުނަރަށްވުރެ ބޮޑަށް ޖަރުމަނު އަބަދުވެސް ބިނާ ވަނީ ޓީމަކަށެވެ. އެތަކެއް ތަރިންނެއް ޓީމުގައި ތިބޭ ނަމަވެސް، އާންމުކޮށް ޖަރުމަނު ކޮނޑަށް ލައިގެން މުބާރާތްތަކަށް ނުކުންނާނެ ވަކި ކުޅުންތެރިއަކު ފާހަގައެއް ނުވާނެއެވެ.

ލީޑަރުން ގިނަ ޓީމެއްގެ ގޮތުގައި ޖަރުމަނު ފާހަގަ ކުރެވޭ އިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އެޓީމުގެ މުހިންމު ތަނބުތަކެއް ގެއްލިގެން ދިޔައެވެ. ކެޕްޓަން ބޭންޑް އަޅާލާ ކަހަލަ ލީޑަރުންތަކެއް ރިޓަޔާކުރިއެވެ. މިރްސްލާވް ކްލޯސާގެ އިތުރުން ބަސްޓިއަން ޝްވައިންސްޓައިގާއާއި ފިލިޕް ލާމްގެ އިތުރުން ޕާ މަޓަސޭކާ އަދި ލޫކަސް ޕޮޑޮލްސްކީވެސް އެ ލިސްޓްގައި ހިމެނެއެވެ.

ވޯލްޑް ކަޕްގައި ޖަރުމަނު ލީޑު ކުރަން ނުކުތް ކުޅުންތެރިންގެ ތެރޭގައި ކްލަބު ލެވެލްގައި އެންމެ ކާމިޔާބު ކުޅުންތެރިން ތިބި ނަމަވެސް ގައުމީ ޓީމަށް ވިދާލި ކުޅުންތެރިން މަދެވެ. މެސުޓް އޮޒިލްގެ އިތުރުން ތޯމަސް މުލާވެސް މުބާރާތުގައި ދަށްކޮށް ފެނުނު އިރު، ޖަރުމަނުގެ ފެންވަރުގައި ދަނޑުމަތީގައި ފެނުނު ހަމައެކަނި ކުޅުންތެރިއަކީ ޓޯނީ ކްރޫސް ކަމަށް ބުނެވިދާނެއެވެ.

ފީފާ ވޯލްޑް ކަޕް 2018ގައި ޖަރުމަނާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަލިވެ، ޖަރުމަނަށް ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން އަލްވަދާއު ކިޔަން ޖެހިފައި -- ފޮޓޯ/ އޭޕީ

ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނޯޔާ ނުކުތް ނަމަވެސް އޭނާ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އަނިޔާގައި އެތައް ދުވަހެއް ނުކުޅެ ހުރުމަށްފަހުގައެވެ. މިދިޔަ އަހަރުގެ ކުރީކޮޅުގައި ނޯޔާއަށް ލިބުނު އަނިޔާއިން ސަލާމަތްވެ އޭނާ ވާދަވެރި މެޗަކަށް ފުރަތަމަވެސް ނުކުތީ ވޯލްޑް ކަޕަކަށެވެ.

ޓީމުގެ ކަންކަން ހަމައަކަށް އެޅުވުމަށްވުރެ ބޮޑަށް އޭނާގެ އަމިއްލަ ކޮންފިޑެންސް ހޯދަން ކުރަން ޖެހުނު މަސައްކަތް ބޮޑުވިއެވެ. މެޗުތަކުގައި ނޯޔާގެ ފަރާތުން ނުފެންނަ ކަހަލަ ބައެއް ގޯސްތައް ފެނުނު އިރު، އޭނާއަށް ފުރަތަމަ 11އިން ފުރުސަތު ދިނުމުން އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔައިފައެވެ. ހާއްސަކޮށް މިދިޔަ ސީޒަންގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި، ޓާ ސްޓެގަން ބެންޗުގައި އިންދާ ނޯޔާ ބޭނުން ކުރުމަކީ ކޯޗު ޔޯކިމް ލޯވް ނެގި ބޮޑު ރިސްކެކެވެ.

ދަނޑު ބޭރުގެ މައްސަލަތަކެއް

އޮޒިލްއާއި ގުންޑަގޮން އުރުދުގާންއާއެކު ނަގައިފައިވާ ފޮޓޯ --- ފޮޓޯ/ އޭޕީ

ޖަރުމަނުގެ މެސުޓް އޮޒިލްއާއި އިލްކޭ ގުންޑަގޮންގެ ފަރާތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއަށް ކްލަބު ޖާޒީއެއް ހަދިޔާކުރުމަށްފަހު، ފޮޓޯއަކަށް ހުއްޓުމުން ޖަރުމަންގެ ސީޔާސީ ފަރާތްތަކާއި އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އޮޒިލްއާއި ގުންޑޯގާންއަކީވެސް ތުރުކީއަށް އުފަން ދެ ކުޅުންތެރިންނެވެ. ވޯލްޑް ކަޕްގެ ކުޑަ ދުވަސްކޮޅެއް ކުރިން ލަންޑަންގައި ބޭއްވި ހާއްސަ އިވެންޓެއްގައި އެ ދެ ކުޅުންތެރިންވެސް ވަނީ ހާއްސަ މެސެޖަކާއެކު ސޮއިކޮށްފައިވާ ކްލަބު ޖާޒީއެއް އުރުދުގާންއަށް އަރުވައިފައެވެ.

ޖަރުމަނުގެ ފުޓުބޯޅަައިގެ މައި އިދާރާގެ ރައީސް، ރެއިންހާޑް ގްރިންޑަލް ވިދާޅުވީ އޮޒިލްއާއި ގުންޑަގޮން، އުރުދުގާންއާއެކު ނެގި ފޮޓޯއަކީ ޖަރުމަނުގެ ފުޓުބޯޅަ އިދާރާއިން ގަބޫލުކުރާ "ވެލިއުސް"ތަކާ ހިލާފު ކަމެއް ކަމަށާއި، އުރުދުގާންގެ ކެމްޕެއިންގައި އެ ދެކުޅުންތެރިން ބޭނުންކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް އޭނާ ވިދާޅުވީ ކެމްޕެއިންތަކުގައި ޖަރުމަނުގެ ކުޅުންތެރިން ހަރަކާތްތެރިވުމަކީ ޓީމުގެ މަގުސަދާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. ޖަރުމަންގެ ފުޓުބޯޅަ އިދާރާގެ ޑިރެކްޓަރު އޮލިވިއޭ ބިއެރޮފް ވިދާޅުވީ އެ ދެކުޅުންތެރިން ނެގި ފޮޓޯއަކީ އެ ކުޅުންތެރިންނަށް ނޭނގޭހާ ވަރުގަދަ މެސެޖުތައް ދޭ ފޮޓޯއެއް ކަމަށާއި އެކަން ކަމަކީ ރަނގަޅު ކަންކަން ނޫން ކަމަށެވެ.

ޖަރުމަނު ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިން ކަމަށްވާ ކްރޫސް(ކ)، އޮޒިލް(މ) އަދި މުލާ(ވ) ---

އޮޒިލްއާއި ގުންޑޮގަން، އުރުދުގާންއާއެކު ނެގި ފޮޓޯއާއި ހަދިޔާކުރި ޖާޒީއާ ގުޅިގެން ޖަރުމަނުގެ ސިޔާސީ ފަރާތްތަކުން ބުނެފައި ވަނީ އެ ދެކުޅުންތެރިން ޖަރުމަނަށް ހުރި ލޯތްބާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އުފަން ގައުމަކީ ތުރުކީ ނަމަވެސް، ވޯލްޑް ކަޕަށް ތައްޔާރުވަމުންދިޔަ ޖަރުމަނުގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު އެފަދަ ގޮތަކަށް ކަން ކުރުމުން ސަޕޯޓަރުންގެ މެދުގައި ދެ ކުޅުންތެރިންނަށް ކުރެވުނު އިތުބާރު ގެއްލުނުތަން ފެނިގެންދިޔައެވެ. ހާއްސަކޮށް ވޯލްޑް ކަޕާ ދިމާކޮށް ޖަރުމަނުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އެ ދެކުޅުންތެރިންނަށް ސަޕޯޓަރުން "ބޫ" ކުރިތަން ފެނިގެންދިޔައެވެ.

އެއީ ދަނޑު ބޭރުން ޖަރުމަނުގެ ނުތަވަސްކަން ފެށުނު ހިސާބެވެ. އޮޒިލްއާއި ގުންޑަގޮންގެ އަމަލާއެކު ޖަރުމަނުގެ ސަޕޯޓަރުން އެރީ ރަތަށެވެ. ސަޕޯޓަރުންނާ އުފެދޭ ކޮންމެ ނުތަނަވަސްކަމަކީ ޓީމުގެ ރޫހާ ކުޅެލާނެ ކަމެކެވެ.

ވޯލްޑް ކަޕަށް ގައުމުތައް އެކުލަވާލާ ސްކޮޑުތަކަށް އަބަދުވެސް މީޑިއާތަކުން ލޯ އަޅާނެއެވެ. މިފަހަރު ޖަރުމަނު ޓީމަކީވެސް މީޑިއާތަކުގެ ޝިކާރައަކަށްވި އެއް ޓީމެވެ. ހާއްސަކޮށް އިނގިރޭސި ޕްރިމިއާލީގުގެ އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ، ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި ލެރޮއި ސާނޭ ޓީމުން ބޭރު ކުރި ހިސާބުންވެސް ލޯވް ޕްރެޝަރަށް ދިޔައެވެ. މުޅި ދުނިޔެ ކަހަލަ ގޮތަކަށް އެކަމަށް ފާޑު ކިޔާފައިވެއެވެ.

ޖަރުމަނުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާ ގުޅިގެން ކުޅުންތެރިން އެކަމުގެ މާޔޫސްކަމުގައި --- ފޮޓޯ/ އޭޕީ

މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުމަކީ އެ ގައުމުގެ ފުޓުބޯޅައަށް އަނެއްކާވެސް ލިބިގެންދިޔަ ސިގްނަލެކެވެ. މީގެ ކުރިން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖަރުމަނު ކެޓި ހިސާބުންވެސް އެގައުމުން ފުޓުބޯޅައަށް އިންގިލާބެއް ގެނައެވެ. މިދިޔަ 20 ވަރަކަށް އަހަރު ދުނިޔޭގެ ފުޓުބޯޅައިގައި ޖަރުމަނުގެ ނަން ވިދާލީ އެކަމަށް ޕްލޭނެއް ނެތިއެއް ނޫނެވެ.

ފްރާންސް 1998ގެ ވޯލްޑް ކަޕްގެ ކުއާޓާއިން ޖަރުމަނު ކެޓުމާއެކު އެ ގައުމުން "އެލީޓް" ކުޅުންތެރިން އުފެއްދުމުގެ ބިޔަ މަޝްރޫއެއް ފެށިއެވެ. ހާއްސަކޮށް ގްރާސް ރޫޓް ހަރުދަނާކޮށް، ހައި ޕާފޮމަންސް އެކަޑެމީތަކުގެ އެހީގައި ހަރުދަނާ ފައުންޑޭޝަނެއް އެޅިއެވެ. އޭގެ ނަތީޖާ ފޮންޏެވެ. 2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ކަމަށް ޖަރުމަނު އައީ އެ ޕްލޭންގެ ފުރިހަމަ މިސްރާބުންނެވެ.

އަނެއްކާވެސް ޖަރުމަނުގެ ފުޓުބޯޅައަށް ކަޅު ދުވަހެއް އައިސްފައިވާ އިރު، ޔަގީނުންވެސް އެ ގައުމުގެ ފުޓުބޯޅައަށް އިންގިލާބެއް އަންނާނެއެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ހިތި ފިލުވާލުމަށް ޖަރުމަނު ހަމަހިމޭނުން ނުތިބޭނެއެވެ.