ބްރެޒިލުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މާސެލޯގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކީ ބްރެޒިލް ކޭމްޕްކުރާ ހޮޓަލުގެ ގޮދަޑި މާ ބޮޑަށް މަޑުވުމުން ދިމާވި މައްސަލައެއް ކަމަށް ބެލެވޭކަމަށް ބްރެޒިލްގެ ޓީމު ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފިއެވެ.

ބްރެޒިލުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 10 މިނެޓަށްފަހު މާސެލޯގެ ބުރަކަށްޓަށް އެރި ތަދެއްގެ ސަބަބުން ކޯޗު ޓީޓޭ ވަނީ އޭނާގެ ބަދަލުގައި ފިލީޕޭ ލުއިޒް ކުޅުމަށް ނެރެފައެވެ. މާސެލޯގެ އަނިޔާއާ ގުޅިގެން ބްރެޒިލް ޓީމުން ރަސްމީ ސިފައެއްގައި ކޮމެންޓްވެސް ކޮށްފައި ވަނީ އިއްޔެއެވެ.

"ސީދާ ދިމާވި މައްސަލަ ބުނަން ދަތި. މާސެލޯ ނިދާ ގޮދަނޑިއާ އޭނާގެ އަނިޔާއާ ގުޅުމެއް ވާ ކަމަށް ބެލެވޭ. އާއްމުކޮށް ނިދާ ވަރަށްވުރެ މަޑު ގޮދަޑިއެއްގައި ނިދަން ފެށުމުން މަސްގަނޑު ހަރު އެރީ ކަމަށް ބެލެވެނީ،" ބްރެޒިލް ޓީމުގެ ޑޮކްޓަރު ލާސްމާ ބުންޏެވެ.

ލާސްމާ ބުނެފައި ވަނީ ބްރެޒިލުން ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުގައި މާސެލޯ ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި، މާސިލޯއަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.

"މަސްގަނޑު ހަރުވީ. އެކަމަކީ ސީރިއަސް އަނިޔާއެއް ނޫން. ބޭސް ކަމުން މިހާރުވެސް މާސެލޯ ދަނީ. ކުރިއަށް އޮތް ދެ ދުވަސް ތެރޭ ރަނގަޅުވާނެ ކަމަށް ބެލެވެނީ،" ލާސްމާ ބުންޏެވެ.

ބްރެޒިލުން ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ ޖުލައި ދެވަނަ ދުވަހުގައެވެ.