ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން 'ގްރޫޕް ޖީ'ގެ އެއްވަނަ ހޯދައިފިއެވެ.

ރަޝިއާގެ ކަލިނިންގްރޭޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިނގިރޭސީން އަތުން ބެލްޖިއަމް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗަށް ނުކުތުމުގެ ކުރިން ޕޮއިންޓްގެ ގޮތުންނާއި ގޯލުގެ ތަފާތުން އަދި ޖެހި ގޯލުން ވެސް ދެ ޓީމު އޮތީ އެއްވަރުވެފައެވެ. އޭރު އިނގިރޭސީން ގްރޫޕުގެ އެއްވަނައިގައި އޮތީ ފްއާ ޕްލޭ ރޫލުންނެވެ. އެހެންކަމުން މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު އިނގިރޭސީންނަށް އޮތެވެ.

ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމްއާއި އިނގިރޭސީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބެލްޖިއަމް މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ފަހު މެޗަށް ނުކުތް އިރު ވެސް ގަދަ 16ގެ ޖާގަތައް ބެލްޖިއަމްއާއި އިނގިރޭސީންނަށް އޮތީ ކަށަވަރުވެފައެވެ. ގްރޫޕުގެ އެއްވަނައިގައި ނިންމާލި ބެލްޖިއަމްއަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި އިނގިރޭސިންނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލި ޓިއުނީޝިއާއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ޕެނަމާއަށް ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުހޯދިއެވެ.

ދެ ޓީމަށް ވެސް ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން މިރޭގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ ފުރަތަމަ 11އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ބެލްޖިއަމްގެ ފުރަތަމަ 11 އިން ނުވަ ބަދަލެއް ފެނިގެންދިޔަ އިރު، އިނގިރޭސީންގެ ފުރަތަމަ 11 އިން އަށް ބަދަލެއް ފެނިގެންދިޔައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ބެލްޖިއަމްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔޫރީ ޓިލެމަންސް ފޮނުވާލި ހަމަލާ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއުކުރި އިރު، މެޗުގެ ދިހަވަނަ މިނެޓުގައި މިޗީ ބަޓްޝުއާގެ ހަމަލާ ގޯލަށް ވަނުމުގެ ކުރިން އިނގިރޭސި ޑިފެންޑަރު ގޭރީ ކޭހިލް ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި އިނގިރޭސީންނަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން މެޗުގެ 35 ވަނަ މިނެޓުގައި ރުބެން ލޮފްޓަސް ޗީކްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ލޮފްޓަސް ޗީކް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ބެލްޖިއަމުން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައެވެ. ޓިލެމަންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަދްނާން ޔަނޫޒާއީއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އިނގިރޭސީންގެ ގޯލުގެ މަތީ ކަނަކަށެވެ. އެ ލަނޑަކީ ބެލްޖިއަމްއަށް ޔަނޫޒާއީ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިރޭގެ މެޗަކީ ގައުމީ ޓީމަށް އޭނާ ކުޅުނު ނުވަވަނަ މެޗެވެ.

ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމްއާއި އިނގިރޭސީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބެލްޖިއަމް މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 66 ވަނަ މިނެޓުގައި އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ބެލްޖިއަމްގެ ޑިފެންޑަރެއްގެ އުނދަގުލަކާ ނުލައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރަޝްފާޑް ފޮނުވާލި ހަމަލާ، ކޯނަރަކަށް ބޭރުވީ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުވާގެ އަތުގައި ޖެހިފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ވެސް ނަތީޖާ ހަމަހަމަކޮށްލުމަށް އިނގިރޭސީންނަށް ފުރުސަތެއް ލިބިގެންދިޔައެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޑެނީ ވެލްބެކް ފޮނުވާލި ހަމަލާ، މާރުއާން ފެލައިނީ ވަނީ ދިފާއުކޮށްފައެވެ.

ގަދަ 16ގައި ބެލްޖިއަމުން އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގައި ނުކުންނަން ޖެހޭނީ ގްރޫޕް އެޗްގެ ދެވަނަ ޖަޕާނާ ދެކޮޅަށެވެ. އަދި އަންނަ އަންގާރަ ދުވަހުގެ ރޭ 11:00ގައި އިނގިރޭސީން ނުކުންނަން ޖެހޭނީ ގްރޫޕް އެޗްގެ އެއްވަނަ ކޮލަމްބިއާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ކުޅުން ނިމިފައިވާ އިރު، ގަދަ 16ގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00ގައި ކުޅޭ މެޗުގައި ފްރާންސްއާއި އާޖެންޓީނާ ބައްދަލުކުރާ އިރު، ހޮނިހިރު ދުވަހުގެ ރޭ 11:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އުރުގުއާއީއާއި ޕޯޗުގަލްއެވެ.