އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްްސާތަކަށް ނުގޮސް، ކޮމެޓީތަކަށް ދަނީ އެލަވަންސް ހޯދުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމްގެ ޕަލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަލައި ނުގަންނަ ކަމަށް ބުނާ ބަޔަކު، މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވައި ކޮމެޓީ އެލަވަންސް ނަންގަވާތީ ސަރުކާރު ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.

"މަސީހު މިހާވަރަށް ގޯސްވަމުންދާއިރު، ކޮމިޓީ އެލަވަންސް ގޯހެއް ނުވޭ. މުސާރައެއްވެސް ގޯހެެއް ނުވޭ. ސައިކޮޓަރީގައި ހުންނަ ސަޔެއްވެސް ގޯހެއް ނުވޭ،" ނިހާން ވިދާޅުވިއެވެ.

ތަފާތު އެކި ބަހަނާތައް ދައްކައި މަޖިލީހުގެ އެއްވެސް ވޯޓެއްގައި ސަރުކާރާ އިދިކޮޅު ފިކުރުގައި މަސައްކަތް ކުރައްވާ މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އިދިކޮޅަށް ނިސްބަތްވާ މެމްބަރުންގެ އަމަލުތައް ކުށްވެރިކުރައްވައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަނީ މަޖިލީހުގެ ރައީސް ބަލައިނުގަންނާތީ ކަމަށެވެ. ނަމަވެސް ކޮމެޓީތަށް ހުންނަނީ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުގައި ކަމުގައިވާއިރު، ބަރާބަރަށް ކޮމެޓީ ބައްދަލުވުންތަކުގައި އިދިކޮޅު މެމްބަރުން ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ ކޮމެޓީތަށްވެސް ހުންނަނީ މަޖިލީހުގެ ރައީސްގެ ދަށުން. އިދިކޮޅު މެމްބަރުން އެ ކޮމެޓީތަކުގައި ބައިވެރިވެ، ވޯޓު ދެއްވަނީ އެލަވެންސް ނެގުމުގެ ބޭނުމުގައި،" އަދުރޭ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ފަރާތުން ވާހަކަދެއްކެވި ހޯރަފުށީ ދާއިރާ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅު މެމްބަރުންނަށް އަބަދުވެސް މަޖިލީހުގެ ރައީސް މަސީހު ގޯސްވާ ކަމަށާއި ނަމަވެސް ކޮމިޓީތަކަށް ވަޑައިގަންނަަވާއިރު، އެކަން ހަނދާން ނުހުންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު، ޒިންމާދާރު ބޭފުޅުން އިންތިޚާބުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލަވެންސް ގެ ގޮތުގައި މަހަކު 20،000 ލިބެއެވެ.