29 Jun 2018, 00:59
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު މިރޭ "ސަން" އަށް ވިދާޅުވީ އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު ހުސައިން ރަޝީދާ ހަވާލުކޮށްފައި ވަނީ މިރޭ ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ހުސައިން ރަޝީދާ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު ހަވާލުކުރަން ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު އަހުމަދު ރަމީޒު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އަދި ކައުންސިލަށް އެންމެ ގިނަ ވޯޓާއެކު ހޮވިވަޑައިގަތް އައިޝަތު ނަހުލާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލީޑަރުގެ މަސްއޫލިއްޔަތު ހުސައިން ރަޝީދާ ހަވާލުކުރަން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓު ދެއްވި ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި ޖުމްލަ ހަތަރު ނައިބު ލީޑަރުން ތިއްބަވާއިރު ލީޑަރުގެ ބާރުތައް ލިބޭނީ ޕާޓީގެ ކައުންސިލުން ހޮވާ ނައިބު ލީޑަރަކަށް ކަމަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގަ އެވެ.
ޖުމްހޫރީ ޕާޓީގައި ދެން ނައިބު ލީޑަރުންގެ ގޮތުގައި ތިއްބަވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީނާއި އަމީން އިބްރާހީމާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.