11 Sep 2011, 17:38
އޭޝިއަން ޓްރައެތްލޯން ޗެމްޕިއަންޝިޕްގައި ވާދަކުރަމަށް ރާއްޖޭގެ ދެ އެތުލީޓަކު ޗައިނީސް ތައިޕޭއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.
ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވާ މިމުބާރާތުގައި ވާދަކުރާ ދެ އެތުލީޓުންނަކީ، ހުސައިން ރިއާޒާއި މުހައްމަދު ހަމީދެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ރިއާޒަކީ، (ރާއްޖޭގެ ދުވުމުގެ 1500 މީޓަރު އަދި 5000 މީޓަރު ދުވުމުގެ ރެކޯޑް ހޯލްޑާއެކެވެ.) އަދި މުހައްމަދު ހަމީދަކީ ރާއްޖޭގެ ކުރީގެ ދިގު ދުވުން ތެރިއެކެވެ.
ޓްރައެތްލޯން ގައި ހިމެނެނީ ފެތުމާއި ބައިސްކަލް ދުއްވުމާއި ދުވުމެވެ. އެގޮތުން އޭޝިއަން ޓްރައެތްލޯން އިވެންޓުގައި ފަތަން ޖެހެނީ 1500 މީޓަރު އަދި ބައިސްކަލް ދުއްވަން ޖެހެނީ 40 ކިލޯ މީޓަރު އަދި ދުވަން ޖެހެނީ 10 ކިލޯ މީޓަރަށެވެ.
މިމުބާރާތަކީ ރާއްޖެއިން މިހާތަނަށް އަލަށް ބައިވެރިވާ މުބާރާތަކަށްވީއިރު، ދިވެހި ދެ އެތުލީޓުންނާ އެކު މުބާރާތަށްދާ އޮފިޝަލަކީ ޓްރައެތްލޯން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ޅ.ކުރެންދޫ ހީނާމާގެ އަބްދުއްﷲ އިބްރާހިމެވެ.
މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްދާއިރު، އޭޝިއަން ކޮންގްރެސްގައި އަބްދުއްﷲ އިބްރާހިމް ބައިވެރިވާނެ އެވެ. ކޮންގްރެސް އޮތީ މިމަހުގެ 24 ވަނަ ދުވަހު ޗައިނީސް ތައިޕޭގަ އެވެ.
މުބާރާތަށްދާ އެތްލީޓުންނާއި އޮފިޝަލް މިމަހުގެ 20 ވަނަ ދުވަހު މާލެއިން ފުރުމަށް ހަމަޖެހިފައި ވާއިރު، އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.