28 Jun 2018, 23:40
މިއަދު މެންދުރު އާޓް ގެލަރީގައި ފެށި ''މެލޭޝިއާ އެޑިއުކޭޝަން އެކްސްޕޯ'' އިން 50 ޕަސެންޓް ހިލޭ ދޭގޮތަށް 250 ސްކޮލަޝިޕް ދިނުމަށް ހަަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މެލޭޝިއާގެ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސާސްއާ ރާާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ ސްކޮލަޝިޕްގެ ދަށުން މިއަހަރު ޖެނުއަރީ މަހުވެސް ވަނީ ފެއާއެއް ބާއްވައިފައެވެ. ޖެނުއަރީ މަހު ބޭއްވި ފެއާގައި މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ދިން 500 ސްކޮލަޝިޕްގެ ދަށުން، 250 ދަރިވަރަކަށް މަތީ ތައުލީމުގެ ފުރުސަތު ވަނީ ދީފައެވެ.
މިއަދު ފެށި އެކްސްޕޯގެ ދަށުން ބާކީ އޮތް 250 ސްކޮލަޝިޕްވެސް ދަރިވަރުންނާ ހަވާލުކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 50 ޕަސެންޓް ހިލޭ ދޭ ސްކޮލަޝިޕްގެ ދަށުން، ބާކީ އޮތް 50 ޕަސެންޓް ފައިނޭންސް ކުރުމަށް ލޯނު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ފެށި މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން--
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ ބޭއްވި މެލޭޝިއަން އެޑިއުކޭޝަން ފެއާއަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މިފަހަރުގެ ފެއާގެ ބައެއް އައްޑޫ ސިޓީގައިވެސްް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އައްޑޫ ސިޓީގައި ފެއާ ބޭއްވުމަށް ހަަމަޖައްސައިފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ ނޫރާނީ ސްކޫލުގައެވެ.
ފެއާ ބާއްވާ ގަޑިތައް
- މާލެ- ބުރާސްފަތި (މެންދުރުފަހު 14:00 އިން ރޭގަނޑު 10:00 އަށް)
- މާލެ- ހުކުރު ( ހަވީރު 16:00 ން ރޭގަނޑު 10:00 އަށް)
- އައްޑޫ ސިޓީ- އާދިއްތަ ( ހަވީރު 16:00 އިން ރޭގަނޑު 10:00 އަށް)
މިފަހަރުގެ ފެއާގައި މެލޭޝިއާގެ 15 ޔުނިވާސިޓީއަކުން ބައިވެރިވެއެވެ. އެ ފެއާގައި ބިޒްނަސް، އިންޖިނިއަރިންގް، އައިޓީ، ސިއްހީ ދާއިރާ އާއި އަދި އެހެނިހެން ގިނަ ދާއިރާތަކާ ގުޅޭގިނަ ކޯސްތަކެއްގެ މައުލޫމާތު ލިބޭނެއެވެ.